އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް ކަމުގެ ހުވާކުރާ ދުވަސް ކަނޑައެޅުމަށް ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން ތާއީދު ކުރައްވާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ބާއްވަމުންދާ މަޖިލީހުގެ މިދައުރުގެ ތިންވަނަ ޖަލްސާގައި ވާޙަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ރިޔާސީ ދައުރެއްގެ މުއްދަތަކީ ފަސް އަހަރު ކަމަށް ބަޔާން ވެފައިވާ ކަމަށާއި އެހެންކަމުން ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17 އަށް ކަމަށެވެ.
މެމްބަރުންގެ މެދުގައި މިކަމާ ގުޅޭގޮތުން ޚިޔާލުތަފާތުވުންތައް އައުމުން، އެންމެ ރަނގަޅު ގޮތެއް ކަމުގައި ވިސްނެނީ ސުޕްރީމް ކޯޓުގެ ލަފަޔެއް ހޯދުން ކަމަށާއި ސަބަބަކީ ރައީސް ވަހީދުގެ ރިޔާސީ ދައުރު އިތުރުކުރެވުނީ ވެސް އެކޯޓުގެ ލަފަޔެއްގެ މަތިން ކަމަށް ވާތީ ކަމަށް އަދުރޭގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަބްދުއްރަހީމް ވަނީ އިންތިޚާބީ ރައީސް އަދި ނައިބު ރައީސަށް ގާނޫނު އަސާސީއާ ޚިލާފު ގޮތެއް ކަނޑަނޭޅުއްވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ދެބޭފުޅުންނަށް ވެސް އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުހަބާއާއި ތަހުނިޔާ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ އަރިސްކުރައްވާފައެވެ.