ރިޔާސީ ދައުރު ފަށާ ދުވަހާ ގުޅޭގޮތުން ހިޔާލު ތަފާތުވުންތައް އުފެދި މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި އިންތިޚާބީ ރައީސް، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާޙިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.
އިބޫ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިކަމާ ގުޅޭގޮތުން އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަން ދަތިވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިއީ ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައަޅާ، ފަހުން އޭގެ އިތުރު ބަހުސަކަށް ދާންޖެހުމުގެ ފުރުސަތެއް ދީގެން ނުވާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެކި މެމްބަރުންގެ ތެރޭ މިކަމާ ގުޅޭގޮތުން ޚިޔާލު ތަފާތުވުންތައް އައިސްފައިވާ ކަމަށާއި ނަމަވެސް ހުރިހާ މެމްބަރުން އެއްބަސްވެވޭ ގޮތެއް މިއަދު ކަނޑައަޅަން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ. ފަހަރެއްގައި ވެސް އެމަނިކުފާނަކީ އެމަނިކުފާނުގެ ރިޔާސީ ދައުރު، ގާނޫނު އަސާސީއާ ޚިލާފަށް ފެއްޓެވި ރައީސެއްގެ ގޮތުގައި ވާން ބޭނުންފުޅު ނުވާ ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވެސް ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވެފައިވެއެވެ.
އަދި މެމްބަރުން މިކަމުގައި ގޮތް ނިންމަވާއިރު ހުރިހާ ކަމަކަށް ރިއާޔަތް ކުރައްވައި ފަހުން ބެލުމަށް އެއްވެސް ކަމެއް ނުބާއްވާ ގޮތެއް ކަނޑައެޅުމަށް އިބޫ ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ކިބައިން ދެވަނަ ފަހަރަށް ވެސް އެދިވަޑައިގެންފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވުމަށް ފަހު، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެ ގޮނޑި ދޫކޮށްލައްވަން ޖެހިވަޑައިގެންފި ކަމަށާއި، އެދުވަސް ވެގެންދާނީ އެންމެ ދެރަވާ ދުވަސް ކަމަށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ ސޯލިހް ވިދާޅުވިއެވެ.