Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ދައުލަތުގެ އާމްދަނީއާއެކު ޚަރަދުތައް ވެސް އިތުރު

ދައުލަތުގެ އާމްދަނީ، ފުރަތަމަ ހަ މަހު ތެރޭ އިތުރުވެފައިވާއިރު ދައުލަތުގެ ޚަރަދުތައް ވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

މަރުކަޒީ ބޭންކުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރެކަރެންޓު އަދި ކެޕިޓަލް ޚަރަދުތައް ވެސް މިއަހަރު ވަނީ އިތުރުވެފައެވެ. ޖުމުލަ ޚަރަދު 3.1 ބިލިއަން ރުފިޔާ އިތުރަށް ކޮށްފައިވާއިރު އާމްދަނީ 760.1 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.

އާމްދަނީ އިތުރުވީ ޓީޖީއެސްޓީ އިން ލިބުނު ފައިސާ އިތުރުވެ އެހެނިހެން އާމްދަނީތައް ވެސް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ފާހަގަކޮށްލެވެއެވެ.

ޚަރަދުތައް އިތުރުވެފައިވަނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ޚަރަދުތަކުގެ ސަބަބުންނެވެ. ރެކަރެންޓް ޚަރަދު އިތުރުވުމަށް މެދުވެރިވި ސަބަބެއް ކަމަށް އެމްއެމްއޭ އިން ލަފާކުރަނީ ދައުލަތުގެ އިދާރާތަކުގެ އިދާރީ އަދި ހިންގުމުގެ ހަރަދު އިތުރުވުމެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އިދާރާތަކަށް ބޮޑެތި ޚަރަދުތައް މަޑު ޖައްސާލުމަށް އަންގާފައެވެ. މިއަހަރުވެސް މައިގަނޑު ގޮތެއްގައި ދައުލަތުގެ ޑެފެސިޓް ހަމަޖައްސާފައިވަނީ ބޭރުން ލޯނު ނަގައިގެންނެވެ.