Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ދެމިހުންނާނީ ރައްޔިތުންގެ ޙައްޤުގައި، އިބޫ އާއި 4 ލީޑަރުންނާއެކު: ސައުދު

މުސްތަޤްބަލުގައި ވެސް ދެމިހުންނަވާނީ ރައްޔިތުންގެ ޙައްޤުގައި ކަމަށާއި، މަސައްކަތް ކުރައްވާނީ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިދިކޮޅު ހަތަރު ލީޑަރުންނާއި އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

ސައުދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ސައުދު ވިދަޅުވެފައި ވަނީ 15 މަސް ދުވަސް ވަންދެން ވިލިނގިލި ދާއިރާގެ ރައްޔިތުންގެ ޙައްޤުތަކުން މަޙްރޫމް ކުރުމަށްފަހު، މިއަދު މިވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ ޙައްޤުތައް އަނބުރާ ލިބިފައި ކަމަށެވެ.

"ލޮބުވެތި ރައްޔިތުންނަށް ޝުކުރުވެރިވަން. ދެމިހުންނާނީ ރައްޔިތުންގެ ޙައްޤުގައި! ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި 4 ލީޑަރުންނާއި އެކު"، ސައުދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ސައުދު މިހެން ވިދާޅުވެފައިވާއިރު، ސައުދު ޕީޕީއެމް އިން ވަކިކޮށްފައިވާ ކަމަށް އެންގުމުން އީސީން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ. ސައުދު ޕީޕީއެމް އިން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.