Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އިބޫ ހުވާކުރައްވާނެ ދުވަހަކީ ނޮވެމްބަރު 17 ކަމަށް ކަނޑައަޅައިފި

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް، ފައިސަލް ނަސީމް ހުވާކުރައްވާނެ ދުވަހެއް ދިރާސާކޮށް ކަނޑައެޅުމަށް ހަތް މެމްބަރުންގެ ކޮމިޓީ އަކަށް ފޮނުވުމަށް ފަހު އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރައްވާ ދުވަހަކީ ނޮވެމްބަރު 17 ކަމަށް ކޮމިޓީން ފާސްކޮށްފިއެވެ.

އިބޫ އާއި ފައިސަލް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރެއްވުމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ތާއީދާއެކު ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުމާއި ދެކޮޅަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ ތެރެއިން 29 މެމްބަރަކު ވޯޓު ދެއްވިއިރު، އެ ހުށަހެޅުން ފާސް ކުރަން ފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރުން ތިއްބެވި އެވެ.

އެހެންނަމަވެސް އެ މައްސަލައާއި ގުޅިގެން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވައި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ތާއީދު ކުރެއްވީ މައްސަލަ ދިރާސާ ކުރަން ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށެވެ.

ކޮމިޓީގައި ބަހުސް ކުރުމަށް ފަހު މިހާރު ވަނީ މެމްބަރުންގެ މެދުގައި ވޯޓެއް ނަގައި، އިބޫ ހުވާކުރައްވާނެ ދުވަހަކީ ނޮވެމްބަރު 17 ކަމަށް ކަނޑައަޅާފައެވެ. މެމްބަރުންގެ މެދުގައި މިމައްސަލައާ ގުޅޭގޮތުން ހިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު އިބޫ ވަނީ ބަހުސްގައި ބައިވެރިވެވަޑައިގެންފައެވެ.

އިބޫ ވިދާޅުވީ މައްސަލާގައި ގޮތް ނިންމަން ވާނީ ހުރިހާ މެމްބަރުން އެއްބަސްވާ ގޮތަކަށް ކަމަށެވެ. އަދި އެ މައްސަލާގައި ފަހުން އެކަމާ ގުޅޭގޮތުން ބަހުސެއް ކުރުމުގެ ޖާގަ އޮވެގެން ނުވާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވ.ެ