Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

17 ނޮވެމްބަރުގައި އިބޫ ހުވާކުރައްވާ ގޮތަށް ނިންމީ ތިން ބާރުން ސޮއިކޮށްފައިވާ ޤަރާރެއް އޮތުމުން

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ދުވަހަކީ 17 ނޮވެމްބަރ 2018 ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީ އިން މިއަދު ނިންމީ، ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ޤަރާރެއް އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައި ވަނީ ދާދި ދެންމެއަކު "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރޮޒެއިނާ ވިދާޅުވީ އިބޫ ހުވާކުރައްވާނެ ދުވަހެއް ކަނޑައެޅުމަށް މަޖިލީހުން ފާސްކުރި ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީ އިން މިއަދު ދިރާސާކުރިއިރު، ރައީސް ޔާމީން ހުވާކުރެއްވީ 17 ނޮވެމްބަރ 2013 އިން ފެށޭ ފަސް އަހަރުގެ ދައުރަކަށް ކަމަށް ވަރަށް ސާފުކޮށް ބަޔާންވެގެންވާ ޤަރާރެއް މަޖިލީހުގައި އޮތް ކަމަށެވެ. އެ ޤަރާރުގައި ސޮއިކުރައްވާފައި ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ރައީސް އަބްދުﷲ ޔާމީން އެވެ.

"އެ ޑޮކިއުމެންޓް އެގޮތަށް އޮތުމުން އަޅުގަނޑުމެންގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެކަމަކަށް ޗެލެންޖު ކުރައްވާކަށް ބޭނުންފުޅެއް ވެވަޑައިނުގަންނަވާ"، ރޮޒެއިނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ތިން ބާރުން ސޮއިކޮށްފައިވާ ޑޮކިއުމެންޓެއް އެގޮތަށް އޮތުމާއި އެކީ، މިކަމުގައި އެއްގޮތަކަށްވެސް ޚިލާފު އުފައްދާ ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފައްދާ، ރައްޔިތުންނަށް ބަލައިނުގަނެވޭނެ ގޮތަކަށް ހުވާކުރެއްވުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް އިންތިޚާބީ ރައީސް ވެސް ބޭނުންފުޅު ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ ނޮވެމްބަރ 17 ގައި އިބޫ ކުރައްވާ ގޮތަށް ކޮމިޓީ އިން ނިންމީ ހުރިހާ މެމްބަރުންގެ ވެސް އިއްތިފާގުން ކަމަށެވެ.

"މުޅި ކޮމިޓީގެ އިއްތިފާގުން އެގޮތަށް ނިންމީ. މަސްލަޙަތަށް ބަލައި، މުޅި ދައުލަތުގެ ތިން ބާރުން ސޮއިކޮށްފަ އޮތް ލިޔުމެއް އޮތީމަ އެއީ ވަރަށް ސްޓްރޯންގް އެއްޗެއް ގޮތުގައި އަޅުގަނޑުމެން ދެކެނީ"، ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރާއި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވާފަ އޮތް، އެހާ ބާރުގަދަ ޑޮކިއުމެންޓެއް އޮތުމުން އެހެން ގޮތަކަށް ނިންމުމަށް މެމްބަރުންނަށް ފެނިވަޑައިނުގެންނެވި ކަމަށެވެ.