ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ ޙުކުމް އިއްވަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އެގޮތުން މާދަމާއަށް ތާވަލްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލަ އެވެ.
ސިނާން އާއި އަބްދުﷲ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް މި މަހުގެ 11 ވަނަ ދުވަހު ނިންމާލާފައިވާއިރު، އިލްހާމާއި ސައުދުﷲގެ ގޮނޑީގެ މައްސަލާގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.
މީގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރު ނިންމާލާފައިވާއިރު، ވަރަށް އަވަހަށް އެ މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ޙުކުމް ވެސް އިއްވާނެ ކަމަށް ލަފާކުރެވެއެވެ.