ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމާއި، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އަލުން މުރާޖަޢާކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި ދެއްވުން އެދި އެމްޑީޕީގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން އެ މައްސަލަ ދިވެހިރާއްޖޭ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާތީ މަރުޙަބާއާ ޝުކުރު ދަންނަވާ ކަމަށެވެ.
އެމްޑީޕީ އިން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގުނީ ރާއްޖޭގެ ޤާނޫނުތަކާއި، ބައިނަލްޢަޤުވާމީ އުސޫލުތަކާ ހަމަތަކާވެސް ކަނޑައެޅިގެން ޚިލާފަށް ކަމަށާއި، އދ. ގެ ވަރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއާއި، ހިއުމަންރައިޓްސް ކޮމިޓީ އިންވެސް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫޢީ ގޯސްތައް ފާހަގަކޮށް، ނަޝީދު ވަގުތުން މިނިވަންކުރުމަށް އަންގާފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ކުރި ޙުކުމަކީ ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ މަސްލަޙަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ޙައްސާސް މައްސަލައަކަށްވާތީ، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަށް އެދޭ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނޭތީ، އެ މައްސަލަައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމު ކަންތަކަށް ވާނޭތީ އެ މައްސަލައިގެ ނިންމުން އަވަސްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރަމެވެ."، އެ ބަޔާނުގައި ވެއެވެ.
އަދި ރައީސް ނަޝީދު މިނިވަންކުރުމަށް އެމްޑީޕީ އިން ކުރަމުން ގެންދާ މަސައްކަތްތައް އެއްވެސް ފަސްޖެހުމެއް، ހުއްޓުމެއްނެތި ކުރިއަށް ގެންދާނޭކަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށާއި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.