Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

"ރީތި ގޮތަކީ އިބޫ އެދެއްކެވި ރީތި ނަމޫނާ ރައީސް ޔާމީން ވެސް ދެއްކެވުން"

އެންމެ ރަނގަޅު ގޮތަކީ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދެއްކެވިފަދަ ނަމޫނާއެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވެސް ދެއްކެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ނޮވެމްބަރު 17 ގައި އަލަށް އިންތިޚާބުވި ރައީސް އާއި ނައިބު ރައީސް ހުވާ ކުރުމަށް މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރޮޒެއިނާ އިތުރަށް ވިދާޅުވެފައި ވަނީ ރީތި ގޮތަކީ އިބޫ ދެއްކެވި ރީތި ނަމޫނާ ރައީސް ޔާމީން ވެސް ދެއްކެވުން ކަމަށާއި، ކަންތައްތައް ހަމައަކަށް އެޅުވުމަށް ރައީސް ޔާމީން އަށް އަދިވެސް ނޮވެމްބަރ 11 ގައި އިސްތިއުފާދެއްވިދާނެ ކަމަށެވެ.

"11 ގައި ހުވާ ނުކުރެވުނީ ވެސް ޔާމީންގެ ސަބަބުން"، ރޮޒެއިނާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އަންނަ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު އިބޫ ހުވާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން ވަނީ މިއަދު ފާސްކޮށްފަ އެވެ.

"ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ރޮޒެއިނާ ވިދާޅުވީ ކޮމިޓީ އިން އެގޮތަށް ފާސްކުރީ ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ، ދައުލަތުގެ ތިން ބާރުން ސޮއިކޮށްފައިވާ ޤަރާރެއް އޮތުމުން ކަމަށެވެ.

"އެ ޑޮކިއުމެންޓް އެގޮތަށް އޮތުމުން އަޅުގަނޑުމެންގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެކަމަކަށް ޗެލެންޖު ކުރައްވާކަށް ބޭނުންފުޅެއް ވެވަޑައިނުގަންނަވާ"، ރޮޒެއިނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ތިން ބާރުން ސޮއިކޮށްފައިވާ ޑޮކިއުމެންޓެއް އެގޮތަށް އޮތުމާއި އެކީ، މިކަމުގައި އެއްގޮތަކަށްވެސް ޚިލާފު އުފައްދާ ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފައްދާ، ރައްޔިތުންނަށް ބަލައިނުގަނެވޭނެ ގޮތަކަށް ހުވާކުރެއްވުމުގެ ކަންތައްތައް ކުރިއަށްގެންދިއުމަށް އިންތިޚާބީ ރައީސް ވެސް ބޭނުންފުޅު ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.