ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހު ޖަލު ޙުކުމުން އެމަނިކުފާނު މިނިވަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރަށް ބަހުސްކުރުމަށް މިއަދު ފާސްކޮށްފި އެވެ.
އެޤަރާރު މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ އެވެ.
މިޤަރާރަށް ބަހުސް ކުރުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 53 މެމްބަރެއްގެ ތާއީދާއެކު އެވެ. މި ޤަރާރަށް ބަހުސްކުރުމާއި ދެކޮޅަށް 6 މެމްބަރުން ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވައި 6 މެމްބަރުން ތިއްބެވިއެވެ.
މި ޤަރާރަށް ބަހުސްކުރައްވަމުން، ޤަރާރު ހުށައެޅުއްވި މެމްބަރު އީވާ އަބުދުﷲ ވިދާޅުވީ، ރައީސް ނަޝީދަށް އިއްވާފައިވާ ޖަލު ޙުކުމަކީ އެއްވެސް ފަރާތަކުން ބަލައިގަންނަ ޙުކުމެއް ނޫންކަމަށާއި، އެމަނިކުފާނު މިނިވަންކުރުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައި ކަމަށެވެ.
ނަޝީދު މިނިވަންކުރުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވާއިރު، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީ އިން ވެސް ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައެވެ.