ދިވެހިރާއްޖޭގެ ކޯޓުތަކުން ވަނީ އިންސާފުން ބޭރުން އެތައް ބަޔަކަށް އަދަބުދީފައި ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމް ބާތިލްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރަށް ވާހަކަދައްކަވަމުން އައިބީ ވިދާޅުވީ ނަޝީދުގެ މައްޗަށް އިއްވި ޙުކުމަކީ ބޭއިންސާފީ ޙުކުމެއް ކަމަށާއި، އެފަދައިން ފޭދޫ ދާއިރާގެ ގިނަ ބަޔަކަށް ވެސް ޙުކުމް ކޮށްފައިވާ ކަމަށެވެ.
އަދި ރައީސް ނަޝީދު އާއި ބޭއިންސާފުން ޙުކުމްކޮށްފައިވާ ހުރިހާ މީހުންނަށްވެސް އިންސާފް ލިބެން ޖެހޭނެ ކަމަށް އައިބީ ވިދާޅުވި އެވެ.
އައިބީ މިހެން ވިދާޅުވިއިރު، ރައީސް ނަޝީދު މިނިވަން ކުރުމަށް ހުށަހެޅި ޤަރާރަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ޖުމްލަ 53 މެމްބަރަކު ވަނީ ވޯޓުދެއްވާފަ އެވެ. މި ޤަރާރަށް ބަހުސްކުރުމާއި ދެކޮޅަށް 6 މެމްބަރުން ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވައި 6 މެމްބަރުން ތިއްބެވިއެވެ.
އެޤަރާރު މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ އެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައެވެ.