ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި އައްޑޫ ސިޓީ ތަމްސީލު ކުރައްވާ 7 މެމްބަރުން ފުރަތަމަ ފަހަރަށް އެއްގޮތަކަށް މަޖިލީހުގައި ވޯޓު ދީފިއެވެ.
އައްޑޫ އެމްޑީޕީ ފަސް މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު ޕީޕީއެމް ދެ މެމްބަރުންނާ ދެމެދު އާންމު ގޮތެއްގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވެއެވެ. ނަމަވެސް މިއަދު ހަތް މެމްބަރުންވެސް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލުކުރުމަށް ހުށައަޅަން މަޖިލީހުގައި ވޯޓު ދެއްވާފައެވެ.
މީގެ އިތުރުން އިދިކޮޅު ލީޑަރުންނަށް މާޒީގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމްދީދީ(އައިބީ) ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ލީޑަރުންނަށް ނުހައްގުން އަނިޔާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
އައިބީ ވިދާޅުވީ ކޯޓުތަކުން އެތައް ބަޔަކަށް ބޭއިންސާފުން އަދަބު ދީފައިވާ ކަމަށާއި އެމީހުންނަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.