Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ނިއުޕޯޓު ހިންގާ ކުންފުންޏަކަށް ހައުސިން އިން 44 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

ހައުސިން މިނިސްޓަރ މުއިއްޒު އާއި ނިއުޕޮޯޓޫގެ އެމްޑީކަމުން ވަކިވި ޒާހިދު ރަމީޒު، ގިނަ އަދަދެއްގެ ފައިސާވަނީ ހައުސިންއިން ސްޓްރާޑާއަށް ދީފައި

ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ޚަރަދު ކުރުމަށް ނިއުޕޯޓް ހިންގާ ކުންފުނި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ހައުސިން މިނިސްޓްރީން 44 މިލިއަން ރުފިޔާ ދީފައިވާކަމަށް ބުނާ ލިޔެކިއުންތަކެއް ސޯޝަލް މީޑިއާގައި ލީކްކޮށްލައިފިއެވެ.

ސޯޝަލް މީޑިޔާގައި ލީކުވެފައިވާ ހައުސިން މިނިސްޓްރީގެ ބައެއް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާއެރުވުމުށާއި ތަންތަން ތައްޔާރުކޮށް އިންތިޒާމުކުރުމަށް 44 މިލިއަން ރުފިޔާ ސްޓްރާޑާއާ ވަނީ ހަވާލުކޮށްފައެވެ.

ސްޓްރާޑާ ކުންފުނިން ހިންގާ ބައެއް ވިޔަފާރިތައް، ފޮޓޯ: ސްޓްރާޑާ އެފްބީ ޕޭޖް

ސްޓްރާޑާ ކުންފުންޏަށް ހައުސިން މިނިސްޓްރީން ހަވާލުކުރި މަސައްކަތްތައް:

 

  • ހަވާ އެރުވުމުގެ އެންމެހާ މަސައްކަތް: 2.7 މިލިއަން ރުފިޔާ، ސާވިސް ޗާޖު: 272،000ރ.، ޖީއެސްޓީ: 179،520، ޖުމުލަ: 3.7 މިލިއަން ރުފިޔާ
  • ޗައިނާ ފްރެންޑްޝިޕް ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ސެޓަޕް، ލައިޓިން، ސައުންޑު: 4.8 މިލިއަން ރުފިޔާ(28 އޯގަސްޓު 2018)
  • ޗައިނާ ފްރެންޑްޝިޕް ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ސެޓަޕް، ލައިޓިން، ސައުންޑު، ސަގާފީ ހަރަކާތްތަކަށް: 11.2 މިލިއަން ރުފިޔާ(14 އޯގަސްޓު 2018)
  • ހަވާ އެރުވުމަށް ބޭނުންވާ ސާމާނު: 2.3 މިލިއަން ރުފިޔާ
  • ސިނަމާލެ ބްރިޖު ހުޅުވުމަށް ދުބާއި، އެމެރިކާ، އޮސްޓްރިއާ އަދި ސައުދީން އެއާފްރެއިޓުކޮށް ގެނައި ސާމާނު: 6.1 މިލިއަން ރުފިޔާ
  • ހަވާ އެރުވުމާއި އަލިފާނުގެ ކުޅިވަރު، "ތެންކްޔޫ ޕްރެޒިޑެންޓް ޝީ ޕިން، ބްރާވޯ ޕްރެސިޑެންޓް ޔާމީން": 7.9 މިލިއަން ރުފިޔާ
  • ބާރަށުގައި މެރިނާ ސްޓައިލް ޖެޓީ ހުޅުވުން: 104،793.08ރ.
  • ކޮރަލް ބޮލުވާޑް ގްރައުންޑް ބްރޭކިން އިވެންޓް: 710،667ރ.
  • އެސްޓީއޯ ހާބަރު ފުޑްކޯޓު ހުޅުވުން: 200،552ރ.
  • ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ފުރަތަމަ އިންސްޓޯލްމަންޓު: 2.3 މިލިއަން ރުފިޔާ
  • މ. ކޮޅުފުށި ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު: 49،555ރ.
  • ށ. ކަނޑިތީމު ބަނދަރު ހިއްކުމުގެ ރަސްމިއްޔާތު: 40،810ރ.
  • ގުރައިދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު: 35،000ރ.
  • ކ. ތުލުސްދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު: 35،000ރ.
  • ރަސްރަނި ވިންޓަ ޕާކް ހުޅުވުމަށް ސައުންޑާއި ލައިޓިން: 35،000ރ.
  • މ. މުލި ބިން ހިއްކުން ނިމުން ފާހަގަކުރުން: 49،555ރ.
  • މ. ދިއްގަރު ބަނދަރު ހުޅުވުމާއި ނަރުދަމާ ފެށުމުގެ ރަސްމިއްޔާތު: 53،053ރ.
  • ޖުމުލަ: 44،340،316.82(ސާޅީސް ހަތަރު މިލިއަން ތިން ލައްކަ ސާޅީސް ހާސް ތިން ސަތޭކަ ސޯޅަ ރުފިޔާ އަށްޑިހަ ދެލާރި)

މީގެ އިތުރުންވެސް މިނިވަން ދުވަހުގެ ހަރަކާތަށް ހޯމް މިނިސްޓްރީންވެސް ވަނީ 4 މިލިއަނަށްވުރެ ގިނަ ފައިސާ ސްޓްރާޑާ ކުންފުންޏަށްދީފައެވެ.

 

ހޯމް މިނިސްޓްރީން ކުރި ޚަރަދު

  • މިނިވަން ދުވަސް ފާހަގަކުރުމަށް ސައުންޑާއި ލައިޓިން ގަލޮޅު ސްޓޭޑިއަމަށް: 2.3 މިލިއަން ރުފިޔާ
  • މިނިވަން ދުވަސް 2018 ރަސްމީ ޖަލްސާ ރަސްރަނި ބަގީޗާގެ ލައިޓިން: 1.5 މިލިއަން ރުފިޔާ
  • މިނިވަން ދުވަހުގެ ހަރަކާތްތައް ލަސްވުމާ ގުޅިގެން ނެގި %5 ސާޗާޖު: 195،888ރ.
  • ޖުމުލަ: 4،060،012.00(ހަތަރު މިލިއަން ފަސްދޮޅަސް ހާސް ބާރަ ރުފިޔާ)

ހައުސިން އާއި ހޯމް މިނިސްޓްރީން48 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސްޓްރާޑާ ކުންފުންޏަށްދީފައިވާ އިރު ސިނަމާލެ ބްރިޖް އަޅަމުން ދިޔަ ދުވަސްވަރު ބްރިޖް ބަލަން އެޅި ޕްލެޓުފޯމުގައި ސްޓްރާޑާއިން ހިންގި ޗާޓައިމް ބަންދުކޮށް އެތަން ތަޅާލުމާއި ގުޅިގެން ހައުސިން މިނިސްޓްރީން އެކުންފުންޏަށް ދޭން އުޅުނު 14 މިލިއަން ރުފިޔާ އޭސީސީންވަނީ ހުއްޓުވާފައެވެ.

ސްޓްރާޑާ ކުންފުންޏަކީ ޕީޕީއެމް ކައުންސިލް މެމްބަރު ޒާހިދު ރަމީޒުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ، މިދިޔަ ހަފްތާތެރޭގައި ޒާހިދުވަނީ ސްޓްރާޑާކުންފުނީގެ ދަށުން ހިންގަމުން އަންނަ ނިއުޕޯޓް މޯލްޑިވްސް"ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިވެފައެވެ.