Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ މައްސަލަތައް ބެލޭނެތަ؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ކަރަޕްޝަންގެ މައްސަލަތައް އިރު އިރުކޮޅާ ފެންމަތިވަނީއެވެ. ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެންމެ ބޮޑު ކަރަޕްޝަން ހިންގާފައިވަނީ އެމަނިކުފާންގެ ވެރިކަމުގައެވެ. ރައީސް ޔާމީންވެސް ވަނީ އެމްއެމްޕީއާރްސީގެ ކަރަޕްޝަނަކީ ދައުލަތުން ހިނގި އެންމެ ބޮޑު ކަރަޕްޝަންކަމަށް އިއްތިރާފުވެވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން ބޮޑު ތަނުން ރައީސް ޔާމީނަށް ނޫނެކޭ ބުނީ ދައުލަތުގެ ކަރަޕްޝަން ބޮޑުވުމުންނެވެ. ތަރައްޤީގެ ނަމުގައި ދައުލަތުގެ ހަޒާނާ ލޫޓުވަމުން ދިއުމުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަގު 1.2 ބިލިއަނަށް އަރާކަމަށް ބުނާއިރު އެކަމުގެ އަސްލު އަގު 4 ބިލިއަނަށްވުރެ ބޮޑުވާނެކަމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ސީދާ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށްވަނީ ވަދެފައެވެ. ރައީސް ޔާމީންވެސް ވަނީ އެފައިސާ އެމަނިކުފާންގެ ގެކޮޅަށާއި އެކައުންޓަށް ވަދެފައިވާކަމަށް އިއްތިރާފުވެވަޑައިގެންފައެވެ.

ދައުލަތުން ގެއްލިފައިވާ އެތައް ބިލިއަން ރުފިޔާގެ ފައިސާގެ ތަހްގީގު އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން ކުރިއެވެ. ނަމަވެސް 3 އަހަރުވެގެންދާ އިރު އަދިވެސް ރަސްމީ އޮޑިޓު ރިޕޯޓު އާއްމެއް ނުކުރެއެވެ. ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރުގެ މައްސަލަވެސް އޭސީސީއަށް ހުށަހެޅި ތަހްގީގު ފެށިއެވެ. ނަމަވެސް އެމައްސަލައަދިވެސް އޮތީ މަޑުޖެހިފައެވެ. ވީނުވީއެއް އޭސީސީން ހާމަ ނުކުރެއެވެ.

ދައުލަތުގެ މުވައްސަސާތަކަށް ރައީސް ޔާމީން ފޯރުވަމުން ގެންދެވި ނުފޫޒު 23 ސެޕްޓެމްބަރ 2018ގައި ރައްޔިތުން ވަނީ ނިކުމެ ނިންމާފައެވެ. އިންތިހާބުން ބޮޑުތަނުން ރައީސް ޔާމީން ވަނީ ކުޑަކަކޫ މައްޗަށް ތިރިކޮށްފައެވެ. އެއާއިއެކު މުވައްސަސާތައް މިނިވަންވެ ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވާތަން ފެންނަން ފަށައިިފިއެވެ. ކަރަޕްޝަނަށް މަގުފަހިވާ ބައެއް ކަންކަން ހުއްޓުވަން އަމުރުކޮށް އިންޒާރުދޭން ފަށައިފިއެވެ.

ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކުންފުންޏަކުން ހިންގާފައިވާ ބޮޑެތި ބޮޑެތި ކަރަޕްޝަންގެ މައްސަލަތައް މިދަނީ ތިލަވަމުންނެވެ. ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން އޮތީ ރައީސް ޔާމީންގެ ކެމްޕެއިންނަށް ހަރަދުކުރި ކުރީނުން ބަނގުރޫޓުވެފައެވެ. އެތައް މިލިއަން ރުފިޔާއެއްގެ ހިޔާނާތް މިދަނީ ފަޅާއަރަމުންނެވެ.

ހައުސިން މިނިސްޓްރީން ހިންގާފައިވާ ބޮޑެތި ކަރަޕްޝަންތައް މިދަނީ ހާމަވަމުންނެވެ. ރައީސް އަބްދުﷲ ޔާމީން އާއި ގާތްގުޅުމެއް އޮންނަ ޕީޕީއެމް ކައުންސިލް މެމްބަރ ޒާހިދު ރަމީޒުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަން މިވަނީ ފަޅާއަރާފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ކަރަޕްޝަން މައްސަލަތައް ބަލައި އެމަނިކުފާނަށް ތުހުމަތު ކުރެވޭކަންކަމުގެ އިންސާފުވެރި ތަހްގީގަކަށް ދިވެހިން މިތިބީ ކެތްމަދުވެފައެވެ. ދިވެހިން ވޯޓުދިނީ ޔާމީން ސަރުކާރުގެ ކަރަޕްޝަން ބަލައި ތަހްގީގުކޮށް ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދައިދޭނެކަމުގެ ފޮނި އުއްމީދުގައެވެ.

ރައްޔިތުން އެދެމުންދަނީ ލިޔެކިއުންތައް ނައްތާނުލެވެނީސް މިކަންކަމުގައި ޝާމިލްވި ފަރާތްތައް ހައްޔަރުކޮށް ތަހްގީގު ކުރެވުމެވެ. މިއީ ޕާޓީ ބަދަލުކުރުމުން މަރުހަބާ ކިޔައި ފަސްއަޅައި ފޮރުވާލެވޭނެ ކަންކަމެއް ނޫނެވެ. މިއީ މައާފުކޮށް ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ.

ރައްުޔިތުންގެ ހުރިހާވެސް ސުވާލަކީ ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ މައްސަލަތައް އަންނަ ސަރުކާރުން ބަލާނެތޯ ކުރެވޭ ސުވާލެކެވެ.