ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރ އަހުމަދު ސިނާނުގެ ގޮޑި ނުގެއްލޭކަމަށް ދެންމެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ސިނާންއަކީވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބޭރުކުރުމަށް ސޮއި ކުރި މައްސަލާގައި ޕީޕީއެމްއިން ވަކި ކުރުމުން ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަނުން ނިންމާފައިވާ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ.
ސިނާނުގެ ގޮޑީގެ މައްސަލާގައިވެސް ސްޕްރީމް ކޯޓުގެ ބެންޗުން ނިންމާފައިވަނީ މެމްބަރު އަބުޅޯގެ މައްސަލަ އާއި ގުޅޭގޮތުންވެސް ފާހަގަ ކުރިކަންކަމެވެ.
އެގޮތުން ސިނާނުގެ މައްޗަށް ޕީޕީއެމްއިން ފިޔަވަޅު އަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ސޮއިކުރުމުން ކަމަށްވީ ނަމަވެސް، އެ ގަރާރުގައި އޭނާ ސޮއިކުރީ ފްލޯ ކްރޮސިންގެ އުސޫލު ތައާރަފްކުރުމަށް ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު އަމުރުގެ ކުރިން ކަމަށްވާތީ، އެ ގަރާރުގައި ސޮއިކޮށްގެން އޭނާގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ގޮނޑި ނުގެއްލޭނެ ކަމަށެވެ.
އަދި މެންބަރަކު ޕާޓީއިން ވަކިވި ކަމަށް ބަލާނީ، އެ މެންބަރަކު ޕާޓީއިން ވަކިވުމަށް ސިޓީ ހުށަހަޅާ ހިސާބުން ކަމަށާއި މެންބަރު ސިނާން ޕާޓީއިން ވަކިވެފައި ވަނީ ފްލޯކްރޮސިންގެ އަމުރުގެ ކުރިން ކަމަށް ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ގޮޑީގެ މައްސަލާގައި 4 މެމްބަރެއްގެ މައްްސަލަ ޝެޑިއުލްކޮށްފައިވާ އިރު މިއަދުވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު، އަބުޅޯގެ ގޮޑި ނުގެއްލޭކަމަށް ކަނޑައަޅާފައެވެ. އަދި އިތުރު ދެ މެމްބަރެއްގެ ގޮޑީގެ ހުކުމް ކުރުމުގެ ޝަރީއަތް މިއަދު ކުރިއަށްދާނެއެވެ. އެއީ މެމްބަރު އިލްހާމް އަހުމަދު އާއި މެމްބަރު ސައުދުﷲ ހިލްމީގެ މައްސަލައެވެ.
ގޮޑި ގެއްލުނުކަމަށް އިލެކްޝަނުން ނިންމި 12 މެމްބަރުންގެ ތެރެއިން 6 މެމްބަރެއްގެ ގޮޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.