Last Updated: August 22, 16:10
Friday, August 22, 2025
ޚަބަރު

ޔާމީންގެ ސަރުކާރު ސައިޒުކުރުމުގައި އިންޑިއާގެ ދައުރު ބޮޑު: މައުމޫން

ރާއްޖޭގެ ޑިމްކޮރަސީ އިޔާދަކުރުމަށް އިންޑިއާ ސަރުކާރުން އިސް ދައުރެއް އަދާކޮށްދެއްވި ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރު ބަލިކަށިކޮށް ސައިޒު ކުރުމުގައި އިންޑިއާގެ ދައުރު ބޮޑުކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ޖަލު ބަންދުގައި ހުންނެވުމަށްފަހު މިނިވަންވެވަޑައިގެން ބޭސްފަރުވާއަށް މެލޭޝިއާއަށް ވަޑައިގެން ހުންނަވައި ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުން ކަންކަން ކުރުމަށް އިންޑިއާ އިން އެހެން ފަރާތްތަކާ ގުޅިގެން ބާރުއަޅާފައިވާ ކަމަށެވެ.

1 ފެބްރުއަރީގެ އަމުރަށް ފަހު ރާއްޖޭގެ ކަންކަން ބައިނަލްއަގްވާމީ މައިދާނަށް ގެންގޮސް ރައީސް ޔާމީންގެ ސަރުކާރަށް ފިއްތުއްތައް ކުރިިމަތިކުރުމަށް އިންޑިއާއިން އަދާކޮށްދެއްވި ދައުރަށް މައުމޫން ވަނީ ތައުރީފު ކުރައްވާފައެވެ.

ވެރިކަމުގައި ހުންނެވި ދުވަސްވަރު އިންޑިއާ އާއި ގާތްގުޅުމެއް ގެންގުޅުއްވި މައުމޫން ވިދާޅުވީ މި ސަރަހައްދުގެ ކަންކަމާއި ގުޅޭގޮތުން އިންޑިއާގެ ކަންބޮޑުވުންތަކަށް އާ ސަރުކާރުން ސަމާލުވާނެކަމަށެވެ.

ޔާމީންގެ ސަރުކާރުން ޗައިނާ އާއިއެކު ހަދާފައިވާ އެއްބަސްވުންތަކާއި ގުޅޭގޮތުން މައުމޫން ވިދާޅުވީ ރާއްޖެވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައިކަމަށާއި އެކަންކަން އާ ސަރުކާރުން މުރާޖައާކޮށް ހައްލު ހޯއްދަވާނެކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

މައުމޫން ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަން މުވައްސަސާތަކުގެ ބާރު ކަނޑުވާލައި އެތަންތަނުގެ އިތުބާރު ގެއްލުވާލާފައިވާ ކަމަށެވެ.