ޕީޕީއެމް ހިންގުން ރައީސް މައުމޫން އާއި ހަވާލުކުރުމަށް އެދި އާއްމު މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނިކޮށް އެމައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ނަގައިފިއެވެ.
ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕީޕީއެމް ހިންގަމުން ދަނީ އެޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށްކަމަށެވެ. އަދި ޕާޓީގެ މިހާރުގެ ލީޑަރޝިޕަކީ ސައްހަ ލީޑަރޝިޕެއް ނޫންކަމަށް އިލެކްޝަން ކަމިޝަނުންވެސް ނިންމާފައިވާ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 15 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އަދި އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުންތައް މެދު ކެނޑިފައިވަނީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެންނެވެ.
ޕީޕީއެމްގެ ލީޑަރޝިޕާއި ގުޅޭގޮތުން ހިޔާލުތަފާތުވެ ގޮތެއް ނިންމެވުމަށް ރައީސް ޔާމީން 2016 ވަނަ އަހަރު ސިވިލް ކޯޓަށް ވަޑައިގަތުމުން ކޯޓުން ކުރި އަމުރުގައިވަނީ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ. އެނިންމެވުމާއި ގުޅިގެން ކައުންސިލުން ވަނީ ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް މުސްތަޝާރާއި ހަވާލުކުރުމަށް ފާސްކޮށްފައެވެ.
އޭގެ ފަހުން ޕާޓީ ހިންގަމުން އައީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުންނެވެ. ޕީޕީއެމްއިން ވަނީ މިދިޔަ އޮގަސްޓު 28 ވަނަ ދުވަހު ޕާޓީގެ ލީޑަރަކަށް ރައީސް ޔާމީން އިންތިހާބުކޮށްފައެވެ. ނަމަވެސް އެނިންމުން އިލެކްޝަނުން ބަލައިގެންފައި ނުވެއެވެ.