Last Updated: June 9, 18:29
Tuesday, June 9, 2026
ޚަބަރު

މާލީ ބަޔާން ހުށަނޭޅުނީ ބަންދުކޮށް ޖަލަށްލުމުން: ފާރިސް

ކްރިމިނަލް ކޯޓު ބޭރުގައި ފާރިސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ފޮޓޯ - މިހާރު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ގޮތުން ލާޒިމުކުރާ މާލީ ބަޔާން ހުށައެޅިފައިނުވަނީ ނުހައްގުން ޖަލަށް ލައި ބަންދުކުރުމުގެ ސަބަބުން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުންގެ މާލީ ބަޔާނާ ގުޅޭގޮތުން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް މާލީ ބަޔާން ހުށައަޅާފައިނުވާ މެމްބަރުންގެ ތެރޭގައި ފާރިސް މައުމޫން ހިމެނުމާ ގުޅިގެން ފާރިސް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުއަށް އެކަން ލިޔުމުން އަންގަވާފައެވެ.

ފާރިސްގެ ސިޓީގައި ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް އެމަނިކުފާނަށް އެކި ގޮތްގޮތުން ހުރަސް އެޅި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބަންދުވެ ހުރުމާ ގުޅިގެން ހުސްވި އަހަރުގެ މާލީ ބަޔާން، ހުށައަޅަން ޖެހޭ މުއްދަތަށް ހުށަނޭޅޭނެ ކަމަށާއި ނަމަވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ފާރިސް ވަނީ މަސީހަށް ފޮނުވި ސިޓީގައި އެމަނިކުފާނު ހައްޔަރުކުރީ އަސާސެއްގެ މައްޗަށް ބިނާ ކުރުމެއް ނެތި ކަމަށާއި 18 ޖުލައި 2017 ވަނަ އަހަރުން ފެށިގެން ބަންދުގައި ބަހައްޓާފައިވާއިރު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަސީހު އަދާކުރައްވަން ޖެހޭ ޒިންމާތައް އަދާ ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ފާރިސްގެ އިތުރުން މާލީ ބަޔާން ހުށައަޅާފައިނުވާ މެމްބަރުންނަކީ މައްޗަނގަޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، އަދި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް(ގާރީ) އެވެ.