Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނަޝީދު، ނާޒިމް އަދި އިމްރާންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހުމަދު ނާޒިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް އެކޯޓުން ބަލައިގަތުމަށް ނިންމައިފިއެވެ.

ކުރީގެ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް ރިވިއުކޮށްދިނުމަށް އެދި ޕީޖީން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ. އިމްރާން އާއި އަހުމަދު ނާޒިމްގެ މައްސަލަ އަލުން ބަލައިދިނުމަށް އެދިފައިވަނީ އެ ދެބޭފުޅުންގެ ފަރާތުންނެވެ.

ނަޝީދު ޖަލަށްލާން ހުކުމްކޮށްފައިވަނީ އެމަނިކުފާންގެ ވެރިކަމުގައި ކުރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާއި ހިލާފަށް ހައްޔަރުކޮށް ސިފައިންގެ ޓްރެއިނިގ ސެންޓަރ ހުންނަ ގިރިފުށީގައި އެކަހެރި ކުރި މައްސަލާގައި ޓެރަރިޒަމް ކުށުގައެވެ. ނަޝީދުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓާއި ސްޕުރީމް ކޯޓުން ވަނީ ތާއިދުކޮށްފައެވެ.

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިވަނީ މަކަރާއި ހީލަތުގެ ކުށް ސާބިތު ނުވާކަމަށް ހައިކޯޓުން ނިންމާފައިވަނިކޮށް އެމައްސަލަ ސްޕްރީމް ކޯޓުން ބަލައި ހުކުމްކޮށްގެންނެވެ.

އަދާލަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާންއަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި ބޮޑު އެއްވުމުގައި، ހަމަނުޖެހުމަށް ހިތްވަރުދީ ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެވެ.