ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާއި މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން މިރޭ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
އިޖްރާއީ އަޑުއެހުމަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއް ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ބާއްވާ އަޑުއެހުމެކެވެ. އެ މައްސަލައެއް ބަލައިގަތުމަށް ނިންމާނީ އެ އަޑުއެހުމަށް ފަހު އެވެ.
ނާޒިމުގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވެފައިވަނީ އޭނާ ދިރިއުޅުއްވި ކޮޓަރިން ފިސްތޯލެއް ފެނުނު މައްސަލާގައެވެ. އެކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ނާޒިމަށް އިއްވާފައިވާއިރު އެހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ.
މި މައްސަލަ ނާޒިމްގެ ފަރާތުން 2016 ވަނަ އަހަރުތެރޭގައި ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކޯޓުން ނިންމީ މައްސަލަ ބަލައި ނުގަތުމަށެވެ.
ނާޒިމް މިވަގުތު ހުންނެވީ ބޭސް ފަރުވާއަކަށް މެލޭޝިއާގައެވެ. ނާޒިމް އަކީ 1 ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި މިނިވަން ކުރުމަށް ހުކުމް ކުރި އެއް ފަރާތެވެ.