Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

މުސްތަފާ، ޝާހު، ޝަހުދީ އަދި މުހައްމާގެ ގޮނޑީގެ ހުކުމް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ ގޮނޑީގެ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް މާދަމާއަށް ސްޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.

މާދަމާ ހެނދުނު 10 ޖަހާއިރު ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ޝަރީއަތް ބާއްވާ އިރު 11 ޖަހާއިރު ކުރިއަށްދާނީ މެމްބަރު އަލީ ޝާހުގެ މައްސަލައެވެ.

މެންދުރު ފަހު 13:15 ގައި މުހައްމަދު އަބްދުﷲ (މުހުއްމާ)ގެ މައްސަލަ ތާވަލްކޮށްފައިވާ އިރު 14:15 ގައި ހުކުމް އިއްވާނީ ހުސެއިން ޝަހުދީގެ ގޮޑީގެ މައްސަލައެވެ.

މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކޮށް، މައްސަލަ ހުށަހެޅުމާ ގުޅިގެން، ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން، ޖުލައި 13، 2017 ގައި އެ ކޯޓުން ނިންމީ، އެ ތާރީޚުގެ ފަހުން، މަޖިލީހުގެ އެއްވެސް މެމްބަރަކު އޭނާ އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

އެނިންމުމާއި ގުޅިގެން 12 މެމްބަރެއްގެ ގޮޑި ގެއްލުނުކަމަށް އިލެކްޝަން ކަމިޝަނުން ނިންމިއެވެ. ނަމަވެސް އެ 12 މެމްބަރުންގެ ތެރެއިން 8 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.