Last Updated: June 9, 18:29
Tuesday, June 9, 2026
ޚަބަރު

އިބޫ 17 ގައި ހުވާކުރިޔަސް އެގާރާގައި ދައުރު ނިންމަވާނެ

presidencymv

ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމުގެ ހުވާކުރެއްވިޔަސް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެރިކަމުގެ ދައުރު 2023 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ދޫކުރައްވައި އާ ދައުރު އެދުވަހު ފައްޓަވަން ފުރުސަތު ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އިބްރާހިމް މުހައްމަދު ދީދީ ވަނީ ނޮވެމްބަރު 17 ގައި ހުވާ ކުރައްވަން ޖެހިވަޑައިގަތަސް ފަސް އަހަރު ފަހުން ދިވެހި ރާއްޖޭގެ ޖުމުހޫރީ ދުވަހު އެމަނިކުފާނުގެ ދައުރު ނިންމަވާނެ ކަމަށް އިބޫ ގަސްދުކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާ ފެށި ދެވަނަ ފަހަރަށް ވެރިކަން ގާއިމުވެ 1968 ވަނަ އަހަރު ސުމުއްވުލް އަމީރު އިބްރާޙިމް ނާސިރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތީ ނޮވެމްބަރު މަހު 11 ވަނަ ދުވަހުގައެވެ. އަދި އެދުވަހަކީ ދިވެހި ރާއްޖޭގެ ޖުމުހޫރީ ދުވަސް ކަމުގައި ކަނޑައެޅިގެން ދިޔައެވެ.

ރައީސް ޔާމީނާ ހަމައަށް ވެރިކަމަށް ވަޑައިގެންނެވި ދެ ރައީސުންވެސް ހުވާ ކޮށްފައިވަނީ ނޮވެމްބަރު 11 ވަނަ ދުވަހުގައެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލުކުރުމަށް ފަހު އަލުން ވޯޓުލާން ޖެހި ދުވަހަށް ވެރިކަމުގެ ކަންތައް ނުނިމުމުގެ ސަބަބަކަށްވީ ސުޕްރީމް ކޯޓުގެ ލަފަޔަކާއެކު އޭރު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު އިތުރަށް 6 ދުވަސް ވެރިކަމުގައި ހުންނެވުމެވެ.

ރައީސް ޔާމީން ނޮވެމްބަރު 17 ވަނަ ދުވަހު ހުވާކުރައްވައި ވެރިކަމާއި ހަވާލުވެވަޑައިގެންފައިވާއިރު އެމަނިކުފާނުގެ ސަރުކާރުން ވަނީ ގާނޫނު އަސާސީގައި ލިޔެވިފައި އޮތީ ފަސް އަހަރުގެ ދައުރެއް ރައީސުލްޖުމުހޫރިއްޔާ ފުރިހަމަ ކުރަން ކަމަށާއި އެ ފަސް އަހަރު ހަމަވާނީ ނޮވެމްބަރު 17 2018 ގައި ކަމަށްވާތީ އިންތިޚާބީ ރައީސް ހުވާކުރައްވާނީ ވެސް އެދުވަހު ކަމަށް ދައުވާކޮށްފައެވެ.

އަދި އެކަން ފައިސަލާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބަހުސް ކުރެވި ކޮމިޓީއަކަށް ފޮނުވައި އިތުރަށް ދިރާސާ ކުރުމަށް ފަހު ކޮމިޓީން ވަނީ އިބޫ ވެރިކަމުގެ ހުވާކުރުން ނޮވެމްބަރު 17 ގައި ބޭއްވުމަށް ނިންމައި ފާސްކޮށްފައެވެ.