އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، ޓޮޓެންހަމް ހޮޓްސްޕާސް އަދި ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 0-1 ގެ ހަނި ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފިއެވެ.
ޓޮޓެންހަމްގެ ހަލާކުވެފައިވާ ދަނޑުގައި ކުޅުނު މިމެޗު ސިޓީން ކާމިޔާބުކުރީ މެޗުގެ ހަވަނަ މިނެޓުގައި ރިޔާދް މަހުރޭޒް ކާމިޔާބުކުރި ލަނޑަކުންނެވެ. އެންއެފްއެލް މެޗަކަށް ފަހު ޓޮޓެންހަމްގެ ދަނޑު އޮތީ ފުޓުބޯޅަ މެޗަކަށް ތައްޔާރަށް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މެޗުގެ ކުރިން ފާޑުކިޔާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭ ގާޑިއޯލާގެ ޓީމުން ލަނޑު ޖަހައި ލީޑު ނެގި ނަމަވެސް ޓީމުގެ ފަރާތުން އެހެން މެޗުތަކުން ފެންނަ ފޯރިގަދަ ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ.
ޓޮޓެންހަމްގެ ފަރާތުން ސިޓީއަށް ވުރެ ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޕޮޗެޓީނޯގެ ޓީމަށް މުޅި މެޗުގައި އުފެއްދުނީ އެންމެ ހަތަރު ހަމަލާއެވެ. އޭގެތެރެއިން ގޯލާ އަމާޒުވެގެން ދިޔައީ އެންމެ ހަމަލާއެއްކަން ފާހަގަކޮށްލެވެއެވެ.
މިމޮޅާ އެކު ސިޓީ އެއްވަނައަށް އެރީ ގޯލުގެ ތަފާތުންނެވެ. އަދިވެސް ލިވަޕޫލާ ދެޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާއިރު ދެޓީމަށް ވެސް ލިބިފައިވަނީ 26 ޕޮއިންޓެވެ. ނަމަވެސް ސިޓީ ވަނީ މިހާތަނަށް ކުޅުނު 10 މެޗުން 27 ލަނޑު ޖަހާފައެވެ. ކޮޅަށް ވަދެފައިވަނީ އެންމެ ތިން ގޯލެވެ.
ލީގުގެ ތިންވަނާގައި ވެސް އޮތީ ލިވަޕޫލާ ސިޓީއާ އެއްފަދައިން އެއްވެސް މެޗަކުން ބަލިނުވެ އޮތް ޗެލްސީއެވެ. ނަމަވެސް ޗެލްސީ ވަނީ ތިން މެޗުން މިހާތަނަށް އެއްވަރުވެފައެވެ. ލިވަޕޫލާ ސިޓީވެސް އެއްވަރުވެފައިވަނީ ދެ މެޗުންނެވެ. އެހެންކަމުން ޗެލްސީއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.