Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ޔާމީން ފުރާވަޑައިގަތުމަށް އެހީތެރިވެދީގެން ނުވާނެ: ހަސަން

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑެތި މައްސަލަތަކެއް ހުރިއިރު އެކަންކަން ނުބެލޭގޮތަށް އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އެއްވެސް ފަރާތަކުން އެހީތެރިނުވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީ "ފަލަ ސުރުހީ" ގައި ވާހަކަފުޅު ދައްކަވަމުން ހަސަން ވިދާޅުވީ އެމަނިކުފާނަށް ތުހުމަތު ކުރެވޭ ވައްކަމާއި ކަރަޕްޝަނާއި މަނީލޯންޑްރިންގެ މައްސަލަތައް ހުރިއިރު އެކަންކަން ތަހްގީގު ކުރެވެން ޖެހޭކަަމަށެވެ. ހަސަން ވިދާޅުވީ މީގެތެރެއިން ބައެއް ކަންކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއްތިރާފުވެވަޑައިގެންފައިވާކަމަށެވެ.

އެހެންވެ މި މައްސަލަތައް ތަހްގީގު ކުރެވޭނީ އެމަނިކުފާން ރާއްޖެއިން ފުރިޔަ ނުދީ ހިފެހެއްޓިގެންކަމަށެވެ. އަދި ރައީސް ޔާމީން ފުރާވަޑައިގަތުމަށް އެހީތެރިވާ ފަރާތްތަކަށްވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އެމްއެމްޕީއާރުސީން ގެއްލުނު 1.2 ބިލިއަން ރުފިޔާގެ ތެރެއިން 1 މިލިއަން ޑޮލަރު އެމަނިކުފާންގެ އެކައުންޓަށް ޖަމާކޮށްފައިވާ އިރު އެކަން ވަނީ އޭސީސީއަށް ވެސް ހުށަހަޅާފައެވެ.

ހަސަން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ރައީސް ކަމުގައި ހިންގާފައިވާ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ކުރެވޭއިރު އެމަނިކުފާން ރާއްޖެއިން ފުރިޔަ ނުދީ ހިފެހެއްޓެން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް ޔާމީން ގައުމު ދޫކޮށް ފުރާވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް ރައީސްގެ ތަރުޖަމާން ވިދާޅުވީ ރައީސް ޔާމީނަކީ ގައުމު ދޫކޮށް ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ.