Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

މަރަދޫ މައްސަލާގައި އެމްޑީޕީގެ ވަކީލަކު އައްޑޫއަށް

މަރަދޫން ހައްޔަރު ކުރި މީހުންގެ ބަންދު 10 ދުވަހަށް ޖަހައިގެން ނެރެނީ. ފޮޓޯ އައްޑޫލައިވް

މިމަހުގެ 15 ވަނަ ދުވަހު މަރަދޫން ވަރަށް އަނިޔާވެރިގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ 8 ޒުވާނުންގެ ތެރެއިން އިއްޔެ ކޯޓުން 10 ދުވަހުގެ މުއްދަތު ޖެހި 7 މީހުންގެ މައްސަލާއި ގުޅިގެން އެމްޑީޕީން ގާނޫނީ ވަކީލަކު އައްޑޫއަށް ފޮނުވަން ނިންމައިފިއެވެ.

އެމްޑީޕީ މަރަދޫ ދާއިރާގެ ރައީސް އަހުމަދު ރަޝީދު (އައްޑޯ) ވިދާޅުވީ އެމްޑީޕީގެ ވަކީލް އަހްމަދު އަބްދުﷲ މިއަދު ހަވީރު 3:30 ގައި ގަމަށް ޖައްސާ ބޯޓުން އެބަ އަންނަކަމަށެވެ.

މަރަދޫގައި ހުންނަ ޕީޕީއެމް ޖަގަހަ ސަރަހައްދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ފުލުހުން ވަަރަށް އަނިޔާވެރިކޮށް ހައްޔަރު ކުރި މީހުންގެ ތެރޭގައި އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުން ތިބި އިރު ޕީޕީއެމްގެ ވަކީލަކުވެސް އައްޑޫއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ ހަވީރު ހިތަދޫ ކޯޓުގައި އޮތް ޝަރީއަތުގައި 7 މީހެއްގެ މައްޗަށް 10 ދުވަހުގެ މުއްދަތު ޖެހި އިރު އެމީހުން ފުލުހުންގެ ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާއި ހިލާފަށެވެ.

ފުލުހުންގެ ބެލުމުގެ ދަށައް އެ ޒުވާނުން ގެންދެވުނުތާ 24 ގަޑި އިރު ހަަމަވީ ފަހުން ބޭއްވި ޝަރީއަތުގައި ފުލުހުން ބުނެފައިވަނީ އެމީހުންނަކީ ފުލުހުންގެ ވެހިކަލަށް ގާ އުކި މީހުން ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުން ފުލުހުންގެ ވެހިކަލަށް ބަޔަކު ގާ އުކާފައިވަނީ އޭގެތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިއްބައެވެ.

އިއްޔެގެ ޝަރީއަތުގައި ފުލުހުން ބުނެފައިވަނީ މީގެ ތެރެއިން މީހަކު ދޫކޮށްލައިފިނިމަ ހެއްކަށް ބާރު ފޯރުވާފާނެކަމަށާއި، މި ދުވަސްވަރަކީ ފުލުހުންނަށް އަމާޒުކޮށް ހަމަލާ ދެމުންގެންދާ ދުވަސްވަރަކަށް ވެފައި މި މީހުން މުޖްތަމައު ތެރެއަށް ދޫކޮށްލައިފިނަމަ ފުލުހުންގެ ފުރާނައަށް ގެއްލުން ލިބިދާނެކަމަށެވެ.

ފުލުހުން މިގޮތަށް ކޯޓުގައި ބުނެފައިވާ އިރު މެއި 15 ވަނަ ދުވަހު ހަވީރު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެ ގްރޫޕަކޫން މާރާމާރީ ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ނަމަވެސް އިއްޔެގެ ޝަރީއަތުގައި އެކަމުގެ އެއްވެސް ވާހަކައެއް ފުލުހުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރި ބޭފުޅާ ވިދާޅުވެފައި ނުވެއެވެ.

އަދި ހައްޔަރުގައި ތިބި މީހުންގެ ތެރެއިން މީހަކު ދޫކޮށްލައިފިނަމަ ހެއްކަށް ބާރު ފޯރުވާފާނެކަމަށް ބުނި އިރު ހައްޔަރު ކުރި 8 މީހުންގެ ތެރެއިން އެކަކު ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ އޭނާ ފޮޓޯ ނަގަން ގެންގުޅު ކެމެރާގެ މެމޮރީ ކާޑް ދަށްއަޅައި ހަލާކު ކޮށްލާފައެވެ.

ފުލުހުންގެ އެސްއޯ ގްރޫޕަކުން މަރަދޫން މީހުން ހައްޔަރުކުރި އިރު މީހުން ދިރި އުޅޭ ގޭގެ އަށް ކޯޓު އަމުރެެއް ނެތި ވަދެފައިވަ އިރު އެ ހިސާބުގަނޑުގެ ކުޑަކުދީންނާއި އަންހެނުން ގިނައަދަދަކަށް ތިބި ތަނަކަށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.