ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ޗެމްބަރަށް ވަޑައިގެން ޖަލްސާތަކުގައި ބައިވެރިނުވާތީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، އަހުމަދު ނިހާން ހުސެއިންމަނިކު އެބޭފުޅުންނަށް ފާޑުވިދާޅުވެއްޖެއެވެ.
އޮޑިޓް އޮފީހުގެ ބަޖެޓު ހުށައަޅައި ބަހުސް ކުރަން މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށް މިއަދުގެ ޖަލްސާ ކުރިއަށްދާއިރު އިދިކޮޅު ގިނަ މެމްބަރުން ޖަލްސާއަށް ހާޒިރުނުވެއެވެ. ނިހާން ވިދާޅުވީ ޗެމްބަރަށް ވަޑައިނުގަތަސް އެބޭފުޅުން މަޖިލިހުގައި އެބަ ތިއްބެވި ކަމަށާއި އެބޭފުޅުން ތިއްބެވީ ކޮފީ ބޯން ކަމަށެވެ.
އަދި ބޯވިއްސާރާގައިވެސް ޖަލްސާގެ ކޯރަމް ހަމަކުރުމަށް ވަޑައިގަތީ ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ކަމަށް ނިހާން ވިދާޅުވިއެވެ. މީގެ އިތުރުން ދާދި ފަހުން، ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައި ކަމަށް ކަނޑައެޅި މެމްބަރުން، ގޮނޑި ސަލާމަތްވުމުން ވެސް ޖަލްސާއަށް ވަޑައިނުގަންނަވާތީ ނިހާން ވަނީ ފާޑުވިދާޅުވެފައެވެ.
"ޚާއްސަކޮށް އެމްޑީޕީ މެމްބަރުން ކޮބާތޯ؟ ޚާއްސަކޮށް ކޮބާތޯ ގޮނޑިތައް ލިބިވަޑައިނުގެން ރެޔާއި ދުވާލު މަގުމަތީގައި ހޭދަކުރެއްވި މެމްބަރުން؟ ގޮނޑިތައް ލިބިވަޑައިގަތީ، އެބޭފުޅުން ޗެމްބަރަށް ވަޑައިގަންނަން ބޭނުމެއް ނުވި" ނިހާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތީ 15 މަސް ދުވަހަށް ފަހު އާދީއްތަ ދުވަހުގައެވެ.