މާލެއަށް މިހާރު ކުރަމުންދާ ބޯވިއްސާރާގައި މުޅި މާލޭގައި ފެންބޮޑުވެ، ރައްޔިތުންނަށް ނުހަނު ދަތިހާލު ކުރިމަތިވެފައިވަނިކޮށް، ހައުސިން މިނިސްޓަރ، ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިޔާގައި ދެއްކެވި ވާހަކަތަކަށް މާލެ ސިޓީގެ ކުރީގެ މޭޔަރ ސަރަނގު އާދަމް މަނިކު ރައްދު ދެއްވައިފިއެވެ.
ފެންބޮޑުވެ، ނުހިނދި ލަސްވުމާ ގުޅިގެން މިނިސްޓަރު މުއިއްޒު ވިދާޅުވީ ސްޓޯމްވޯޓާ ސިސްޓަމްގެ ގިނަ ޕަމްޕުތަކަށް ބަޔަކު ވަނީ ގެއްލުން ދީފައި ކަމަށެވެ. އަދި އޭގެ ސަބަބުން ފެން ނުހިނދި ލަސްވަމުންދާ ކަމަށާއި އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ސިފަކުރެއްވިއެވެ. އަދި އެކަން ކުށްވެރި ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރަނގު އާދަމް މަނިކު ޖަވާބުގައި ވިދާޅުވީ، އެމަނިކުފާނު ކައުންސިލްގައި ހުންނެވިއިރު ވެސް މިފަދަ ކަންތައް ކުރިމަތިވަމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް ބަހަނާ ދެއްކުމުގެ ބަދަލުގައި އެމްއެންޑީއެފް، ފުލުހުން އަދި ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކަށް ޕަމްޕު ބޭނުންކޮށްގެން ފެން ހިންދަން އެދުނު ކަމަށާއި އެބޭފުޅުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާ ކަމަށެވެ.
އަދި މިހާރު އެގޮތަށް ކަންތައް ނުކުރެވެންވީ ކީއްވެތޯ އާދަމް މަނިކު ސުވާލު ކުރެއްވިއެވެ. ފަހަރުގައި މިނިސްޓަރުގެ "އެޓިޓިއުޑް" ގައި މައްސަލައެއް ހުންނެވީތޯ އާދަމް މަނިކު ވަނީ މުއިއްޒާ ސުވާލުކޮށްފައެވެ.
ފެންބޮޑުވުމުގެ ސަބަބުން ޣިޔާސުއްދީން ސްކޫލުގެ ކިޔެވުން ވެސް ވަނީ މިއަދު ބަންދުކޮށް، އިމްތިހާނުތައް ފަސްކޮށްފައެވެ.