ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރާއި އެކު ރައީސް ނަޝީދު ވަގުތީ ގޮތުން މިނިވަން ވެއްޖެއެވެ
ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރީ އެމައްސަލަ ރިވިއު ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ.
ފުލުހުންނާއި ކަރަކެޝަނަލް ސާވިސް އާއި ކަމާއި ގުޅުންހުރި އެހެން މުވައްސަސާތަކަށް ރައްދުވާ ގޮތަށް ސުޕުރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ، ނަޝީދުގެ ޖަލު ހުކުމާ މެދު އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އަމުރުކުރާ ކަމަށެވެ.
އަދި އެކަމާއި ގުޅިގެން ނަޝީދުގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެއަމުރުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އަމުރެއް ނެރުނު އިރު އެމަނިކުފާން ވަނީ "ވީހާލެއްގައިވާން" އަންނަ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ހަވީރު ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައެވެ.