Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ޝަހުދީގެ ގޮޑި އާއި އެކު 12 މެމްބަރުންގެ ގޮޑިވެެސް ސަލާމަތް ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮޑި ގެއްލުނުކަމަށް އިލެކްޝަން ކަމިޝަނުން ނިންމި ނިންމުން ބާޠިލުކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ 12 މެމްބަރުންނަށް މަޖްލިސްއަށް ވަދެވޭނެކަމުގެ ޔަގީންކަން ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމާއި ގުޅިގެން ސުލޫކީ މައްސަލަތަކެއްް ކަމަށް ބުނެ އެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރި 12 މެމްބަރުންގެ ގޮޑި ޕީޕީއެމްއިން ވަނީ އިލެކްޝަން ކަމިޝަން މެދުވެރިކޮށް ގެއްލުވާލާފައެވެ.

ޕީޕީއެމްއަށް ތާއިދު ކުރި 12 މެމްބަރުން މަސީހުގެ އިތުބާރު މައްސަލާގައި ސޮއި ކުރުމަށްފަހު ވަނީ ޕާޓީން ވަކިވެފައެވެ. އެމައްސަލަ ތަކުގެ ތެރެއިން ޕީޕީއެމްއިން ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރު ހުރި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ހަދައި އެގާނޫނުން މެމްބަރުންގެ ގޮޑި ގެއްލުވާލާފައެވެ. ނަމަވެސް މި 12 މެމްބަރުން ވަނީ ގާނޫނު އައުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައެވެ.

ވަކިވަކިން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ 12 މެމްބަރުންގެ މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ސޮއިކުރުމުން ކަމަށްވީ ނަމަވެސް، އެ ގަރާރުގައި އޭނާ ސޮއިކުރީ ފްލޯ ކްރޮސިންގެ އުސޫލު ތައާރަފްކުރުމަށް ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު އަމުރުގެ ކުރިން ކަމަށްވާތީ، އެ ގަރާރުގައި ސޮއިކޮށްގެން ގޮޑި ނުގެއްލޭނެކަމަށެވެ.

12 މެމްބަރުންގެ ތެރެއިން މިއަދު ބާކީ ތިބި 4 މެމްބަރުންގެ މައްސަލަ ނިންމާލާފައިވާ އިރު އެންމެ ފަހަކަށް މަޖްލިސް ގޮޑި ކަށަވަރުވީ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީއަށެވެ.

ގޮޑި ނުގެއްލޭކަމަށް ކުރި ހުކުމަށް ފަހު މެމްބަރުން ބުނީ މަޖްލިސްގެ ރައީސް މަސީހު ދުރު ކުރާނެކަމަށާއި، އެ 12 މެމްބަރުން މަޖްލިސްއަށް ވަދެވިޔަ ނުދީ ހިފެހެއްޓުމުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން އިންތިހާބުން ބަލިކޮށްފައިވާ ކަމަށެވެ.

12 މެމްބަރުންނާއި އެކު މަޖްލިސްގެ މެޖޯރިޓީ މިހާރު ވަނީ އިދިކޮޅު ފަރާތްތަކަށް ލިބިފައެވެ. ޕީޕީއެމްގެ 40 މެމްބަރުން ތިއްބެވި އިރު އިދިކޮޅުގައި 45 މެމްބަރުން އެބަތިއްބެވިއެވެ. މި ނަތީޖާއިން މަޖްލިސްއަށް ބޮޑު ބަދަލުތަކެއް އަންނާނެއެވެ.