ބޭނުންފުޅުވި އެއްވެސް ކާމިޔާބު ނުވިކަމަށާއި ދެން އޮތީ ދިފާއުގައި މިހާރުތިއްބެވި ފަރާތްތައް ލައްވާ ރައީސް ޔާމީން ހައްޔަރު ކުރުވުން ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮޑި ގެއްލުކަމަށް އިލެކްޝަން ކަމިޝަނުން ނިންމި ނިންމުން މިއަދު ސުޕްރީމް ކޯޓުން ބާޠިލް ކުރުމާއި ގުޅިގެން ސުޕުރީމް ކޯޓު ސަރަހައްދުގައި ހުންނަވައި މުސްޠަފާ ވިދާޅުވީ ދެން އެންމެ އަވަހަށް އޮތީ ރައީސް ޔާމީން ހައްޔަރު ކުރުން ކަމަށެވެ.
"އަޅުގަނޑުމެން ނުކުތީ ރައީސް ޔާމީންގެ މި ސަރުކާރު ބަދަލުކުރަން، ގާނޫނީ ގޮތުން އަޅުގަޑުމެންގެ 12 މެމްބަރުން ނިކުތުން، އިރާދަކުރެއްވިއްޔާ އަޅުގަޑުމެން ކޮމްޕްލީޓު ކޮށްފިން މިއަދު މިއީ ފަހު ދުވަސް، ދެން އަޅުގަޑުމެން ރައީސް ޔާމީނަށް ދަންނަވަން ބޭނުންވަނީ މަނިކުފާނަށް މިއިން އެއްވެސް ކަމެއް ކާމިޔާބު ނެތޭ ވެފަކައި، މަނިކުފާންގެ ފަރާތުން ސަލާމަތުން ދިފާއުގައި ތިއްބެވި ބޭފުޅުންލައްވާ ދެން އޮތީ މަނިކުފާން ހައްޔަރު ކުރެއްވުމޭ"
މުސްޠަފާ ވިދާޅުވީ ރައީސް ޔާމީންގެ ވެެރިކަމުގައި މި ގައުމުގައި ހިންގާފައިވާ ވައްކަމާއި ކަރަޕްޝަން އަދި ހިޔާނާތުގެ ކަންކަން ނަގައި އެކަންކަން ތަހްގީގު ކުރާނެކަމަށެވެ.
"…. ދެން މަނިކުފާން އޮތީ ޖަލަށް ދިއުން، މަނިކުފާން ޖަލަށް ފޮނުވާނީ މަނިކުފާން ދިފާއު ކުރައްވަން މީގެ ކުރިން ތިބި މީހުން މެދުވެރިކޮށޭ"
މުސްޠަފާ އަކީވެސް ގޮޑި ގެއްލުނުކަމަށް އިލެކްޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަތް މެމްބަރެކެވވެ.