ރައީސް އަބްދުﷲ ޔާމީން މަގާމުން އަޒަލުކުރުމަށް އިދިކޮޅު މަޖްލިސް ބައެެއް މެމްބަރުން މަސައްކަތް ފައްޓަވައިފިއެވެ.
ރައީސް ޔާމީން އަޒަލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މަޖްލިސް ގޮޑި ގެއްލުނުމަށް އިލެކްޝަނުން ކަނޑައެޅި 12 މެމްބަރުންނެވެ. އެމެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް މިއަދު ވަނީ ސުޕްރީމް ކޯޓުން ހުކުމްކޮށްފައެވެ.
އަހަރަކަށް ވުރެ ގިނަ ދުވަހު މަޖްލިސްއަށް ނުވަދެވި ތިއްބެވި މެމްބަރުންނަށް އަލުން މަޖްލިސްއަށް ވަދެވޭނެކަން ޔަގީންވުމާއި އެކު އެ މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީން އަޒަލު ކުރަން މަސައްކަތް ފަށާފައެވެ.
އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން ހިމެނިވަޑައިގަންނަވާ ޖޮއިންޓު ޕާލިމެންޓްރީ ގުރޫޕްގެ ރަސްމީ ވަޓްސްއަޕް ގުރޫޕުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ ރައީސް ޔާމީން އަޒަލު ކުރުމަށް ގޮވާލާފައެވެ.
ސައުދުގެ އެވާހަކަ ތަކަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ބާކީ "އެއް ދުވަސް" އޮތަސް އެ މައްސަލަ މަޖިލީހަށް ވައްދަން ޖެހޭ ކަމަށެވެ. އެވާހަކަތަކަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބުޅޯ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވަނީ ތާއިދު ކުރައްވާފައެވެ.

ޔާމީން އަޒަލު ކުރުމާއި ގުޅޭ ގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ޔާމީން ވަކި ކުރުމުގެ މައްސަލަ މާދަމާ މަޖްލިސްއަށް ހުށަހަޅަންވީ ކަމަށެވެ. އެވާހަކަތަކަށް ދިއްދޫ މެމްބަރު އަބްދުއް ލަޠީފު ވަނީ ތާއިދު ކުރައްވާފައެވެ.
12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ކަނޑައެޅުމާއި އެކު މަޖްލިސްގެ މެޖޯރިޓީ 45 މެމްބަރުންނާއި އެކު ވަނީ އިދިކޮޅު ފަރާތްތަކަށް ލިބިފައެވެ. ޕީޕީއެމްގައި ތިއްބެވީ 40 މެމްބަރުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އަޒަލު ކުރުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް މާދަމާ ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ގާނޫނުގައި ވާ ގޮތުގެމަތިން ރައީސުލް ޖުމްހުރިއްޔާ އަޒަލު ކުރުމަށް މަޖްލިސްއަށް ހުށަހެޅޭނީ މަޖްލިސްގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއިއެކުއެވެ. އިދިކޮޅު ފަރާތްތަކުގައި މެޖޯރިޓީ އޮތުމުން އެ އަދަދު ހަމަވެއެވެ. ނަމަވެސް ރައީސް އަޒަލު ކުރުމަށް މަޖްލިސްގެ ތިންބައިކުޅަ ދެބައިކަމަށްވާ 57 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ.