Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ރައީސް ޔާމީންގެ މާލީ ބަޔާން ހުށަނާޅުއްވާ މައްސަލަ އޭސީސީން މަޖްލިސްއަށް

ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަހަޅުއްވާފައި ނުވާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބެލުމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން ލަފާދީފިއެވެ.

އޭސީސީން މިގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ލަފާ ދީފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަނާޅުއްވަނީ އެމަނިކުފާންގެ ނުފޫޒު ބޭނުންކުރައްވައިގެން ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލަ ބެއްލެވުމަށް ފަހުއެވެ.

އޭސީސީން ބުނީ ގާނޫނު އަސާސީގެ 120 ވަނަ މާއްދާގެ ދަށުން ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހެޅުމުން އެމައްސަލަ ބަލައި ފިޔަވަޅު ނޭޅި ވަނީ ބަޔާން ހުށަނާޅައިގެން އެޅޭނެ ފިޔަވަޅެއް އެއްވެސް ގާނޫނެއްގައި ބަޔާން ކޮށްފައި ނުވާތީ ކަމަށެެވެ. އެހެންކަމުން އޮޑިޓް އޮފީހުން ފިޔަވަޅު އަޅާފައި ނުވުމަކީ އެ އޮފީހުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވޭނެކަމެއް ނޫން ކަމަށެވެ.

އޭސީސީން ބުނީ އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލައި ކުރިއަށް ގެންދެވިދާނެކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑެތި ކަރަޕްޝަނާއި ހިޔާނާތުގެ ތުހުމަތު ދަނީ ކުރަމުންނެވެ. އެމަނިކުފާންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަނާޅުއްވާ މައްސަލަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފެންމަތިވިއެވެ. ނަމަވެސް ރައީސްގެ ތަރުޖަމާން ވަނީ އެމަނިކުފާންގެ މާލީ ބަޔާން ހުށަހެޅުއްވި ކަމަށް ވިދާޅުވެފައެވެ.