ރިޔާސީ އިންތިޚާބަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރާއްޖެ ދޫކޮށް ޗުއްޓީއަކަށް ވަޑައިގެންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
އިންތިޚާބުން ރައީސް ޔާމީނަށް ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ޕީޕީއެމް ސަޕޯޓަރުން ވަނީ ޝަރީފް ވޯޓު އޮޅުވާލި ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އަދި އީސީގެ މެމްބަރުންނަށް ބަޔަކު ބިރުދައްކަން ފެށުމުން ޝަރީފް ފިޔަވައި ހުރިހާ މެމްބަރުން ވަނީ ރާއްޖެ ދޫކޮށް ލަންކާއަށް ވަޑައިގެންފައެވެ.
ނަމަވެސް އޭރު ޝަރީފް ވަނީ ރާއްޖެ ދޫކޮށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށާއި މާލޭގައި ހުންނެވި ކަމަށް ޓުވީޓާ މެދުވެރިކޮށް އިއުލާން ކޮށްފައެވެ. ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވަންދެން ގައުމު ދޫކުރައްވައި ވަޑައިނުގަނެ ޝަރީފް މާލޭގައި ހުންނެވިއެވެ.
އޭނާ ކުރު ޗުއްޓީއެއް ނަންގަވައި ބޭރަށް ވަޑައިގަތީ އިންތިޚާބު ބާތިލުނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމަށް ފަހުގައެވެ.