Last Updated: June 9, 17:01
Tuesday, June 9, 2026
ޚަބަރު

ވިލުފުށި ދާއިރާ ތަރައްގީ ކުރީ އަޅުގަނޑު: ރިޔާޒު ރަޝީދު

ވިލުފުށި ދާއިރާއަށް ގެނައި ތަރައްގީ އެއް ގެނެސްދެވުނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ހުންނަވައިގެން، އެ ތަރައްގީގެ މަޝްރޫއުތައް ބަޖެޓުގައި ޖެއްސެވުމުން ކަމަށް ދާއިރާ ތަމްސީލު ކުރައްވާ ރިޔާޒު ރަޝީދު މިއަދު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

އެންޓި-ޑިފެކްޝަން ބިލް އުވާލުމަށް ހުށައަޅައި މިއަދުގެ މަޖިލީހުގައި އެކަމާ ގުޅޭގޮތުން ބަހުސް ކުރައްވަމުން ރިޔާޒު ވިދާޅުވީ އެންޓި ޑިފެކްޝަން ބިލް ފާސްކުރި ފަހުން ވަޒީރަކު އެމަނިކުފާނު ގުޅުއްވިޔަސް ފޯނު ނުނަންގަވާ ކަމަށެވެ.

"ވިލުފުށި ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ، ވިލުފުށި ދާއިރާއަށް ގެނެސްފައި ހުރި ތަރައްގީއަކީ، މިމަޖިލީހުގައި އެބޭފުޅުން އަޅުގަނޑު ބޭންދެވީތީ އަޅުގަނޑު ކުރި މަސައްކަތުން އައިސްހުރި ތަރައްގީއޭ"

މީގެ އިތުރުން ވެސް ރިޔާޒު ވަނީ ރައީސް ޔާމީން ފާއިތުވެދިޔަ ފަސް އަހަރު ގިނަގުނަ ތަރައްގީ ގެނެސްފައިވާ ކަމަށާއި ބްރިޖު ދެމިހުރިހާ ދުވަހަކު އެމަނިކުފާނަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށެވެ.

ފަހަކަށް އައިސް ޕީޕީއެމްގެ ސިޔާސަތުތަކާއި ދެކޮޅަށް ވާހަކަ ދައްކަވަމުން އަންނަ ރިޔާޒު ވަނީ އަދިވެސް އެމަނިކުފާނު ހުންނެވީ ޕީޕީއެމްގައި ކަމަށް ވިދާޅުވެފައެވެ. ކައުންސިލް ބައްދަލުވުމެއްގައި ރައީސް ޔާމީނާއި ރިޔާޒާ ދެމެދު ޒުވާބެއް ވެސް ދާދި ފަހުން ހިނގާފައިވާއިރު ރޭ މަޖިލީހުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމާ ރިޔާޒާ ދެމެދު ދެބަސްވުމެއް ހިނގައި ޕީޖީ ލީޑަރު ނިހާން އަދުރޭ ދުރުކުރަން ވެސް ޖެހުނެވެ.