ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު މަގާމުން ދުރުކުރުމަށް ޕީޕީއެމުން ތައްޔާރުވެއްޖެއެވެ.
ރިޔާސީ އިންތިޚާބަށް ފަހު މޫސަ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފަށާފައިވާއިރު މަސީހު ބޭރުކުރުމާއި މަޖިލީހުގެ އެހެންވެސް މުހިންމު މަސައްކަތްތަކަށް މޫސަ އިސް ނަންގަވައިގެން ވަނީ މަސައްކަތް ފައްޓަވާފައެވެ.
ޕީޕީއެމްގެ ފަރާތުން މޫސާމަނިކު މަގާމުން ދުރުކުރާނެ ކަމަށް ވިދާޅުވީ ޕާޓީގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ. ފަލާހް ވަނީ މޫސަ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.
ފަލާހު ވަނީ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް މޫސައަށް ފާޑުވިދާޅުވެފައެވެ. ކަންތައް އެމަނިކުފާނު ކުރައްވާ ގޮތަށް ފާޑުވިދާޅުވާން ފެއްޓެވުމުން މޫސަ ވަނީ ފަލާހުގެ ވާހަކަ ހުއްޓުވައި ޕީޕީއެމް މެމްބަރުންނާއި އެމްޑީޕީ މެމްބަރުން ބޭނުންހާ ގޮތަށް މަޖިލީހުގެ ކަންތައް ނުކުރެވޭނ ކަމަށް ވިދާޅުވެފައެވެ.