Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

މާލީ ބަޔާން ހުށަހަޅަން ރައީސަށް ވަނީ ފުރުސަތު ދީފައި: ތަރުޖަމާނު

ރައީސް ޔާމީންގެ ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުމަށް އޮޑިޓާ ޖެނެރަލް ފުރުސަތު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިމަނައިގެން ރައީސްގެ މާލީ ބަޔާން ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވައި، އޮޑިޓާ ޖެނެރަލް މީގެ ދެތިން ދުވަސް ކުރިން ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި މާލީ ބަޔާނާ ގުޅޭ އެންމެހައި މަޝްވަރާތައް އޮޮޑިޓާ ޖެނެރަލްގެ ލަފަޔާ އެއްކޮށް ކުރެވިފައިވާ ކަމަށެވެ.

މުއާޒު މިފަދަ ޓްވީޓެއް ކުރައްވާފައި ވަނީ ރައީސް ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައި ނުވާތީ އެކަން ބެލުމަށް އެންޓި ކަރަޕްޝަން ކަމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވަނީ ލަފާ ދީފައި ވަނިކޮށެވެ.

އޭސީސީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަނާޅުއްވަނީ އެމަނިކުފާންގެ ނުފޫޒު ބޭނުންކުރައްވައިގެން ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައެއް ބަލާފައިވާ ކަމަށެވެ. އަދި އެ އޮފީހަށް އެމައްސަލަ ނުބެލުމަކީ ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވެން ނެތްކަމަށެވެ. އެހެންވެ އެކަން މަޖްލިސްގެ މާލިއްޔަތު ކޮމެޓީން ބަލައި ފިޔަވަޅު އެޅޭނެކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން މުއާޒު ވިދާޅުވީ މާލީ ބަޔާން ހުށަހަޅުއްވާފައި ނެތް ރައީސުން ވެސް އެބަ ތިއްބެވި ކަމަށާއި އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރާ ކަމަށެވެ.