Last Updated: July 22, 11:03
Tuesday, July 22, 2025
ޚަބަރު

ގާސިމް، ނަޝީދަށް މަރުހަބާ ދަންނަވައިފި

raajje.mv

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރަން ފަސް ކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުމުން، އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރ، އޮނަރަބަލް ގާސިމް އިބްރާހިމް އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.

ގާސިމް ކުރެއްވި ޓުވީޓެއްގައި ނަޝީދަށް މަރުހަބާ ދަންނަވަމުން ވިދާޅުވީ، ދާދި އަވަހަށް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާ ނުހައްގު ދައުވާއިން މުޅިން ބަރީއަވެވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

އަދި މިހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށް ވެސް މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވެފައިވެއެވެ. އެންމެ ފުރަތަމަ ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ދުވަސް އިއުލާން ކުރުމުން، ގާސިމް ވަނީ އެކަމަށް ތާއީދު ނުކުރައްވާ ކަމަށާއި ދައުވާއިން ބަރީއަ ވުމުން ރާއްޖެ ވަޑައިގަތުމަށް ނަސޭހަތްތެރިވާ ކަމަށް ވިދާޅުވެފައެވެ.

އޭގެ ސަބަބުން ނަޝީދުގެ ސަޕޯޓަރުންގެ ފާޑުކިޔުންތައް ގާސިމަށް އަމާޒުވި ނަމަވެސް ނަޝީދު ވަނީ ޚިޔާލުފާޅުކުރުމާއި ޚިޔާލު ތަފާތުވުމަކީ ޑިމޮކްރަސީގެ އެންމެ ޚާއްސަ ސިފަ ކަމަށް ވިދާޅުވެ ގާސިމް ދިފާއު ކުރައްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޖޭޕީގެ ފަރާތުން ގާސިމްގެ ނަން ހުށައެޅުމުން ނަޝީދު ވަނީ އެކަމަށް ވެސް ތާއީދު ކުރައްވާ ކަމާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.