Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

އިބޫގެ ފަރާތުން ފޮނުއްވީ 29 ބިލިއަން ރުފިޔާގެ ބަޖެޓެއް!

އަންނަ އަހަރަށް ލަފާކުރާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓް ފިނޭންސް މިނިސްޓްރީ އިން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ސަރުކާރުން ކުރައްވަން ބޭނުންފުޅުވާ ކަންކަން ހިމަނައިގެން ބަޖެޓް އެކުލަވާލުމަށް ފަހު ފިނޭންސް މިނިސްޓްރީއަށް ފޮނުއްވީ މިއަދުއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އިންތިހާބީ ރައީސްގެ އޮފީހުން ހިއްސާކުރެއްވި، 29.6 ބިލިއަން ރުފިޔާގެ ބަޖެޓް އެއްވެސް އުނި އިތުރެއް ނެތި މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.

23 ސެޕްޓެމްބަރ ގައި ބޭއްވި ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ކާމިޔާބު ކުރެއްވުމާއި ގުޅިގެން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވަނީ އިބޫގެ ސަރުކާރުން ބަޖެޓް އެކުލަވާލުމަށް ފުރުސަތު ދެއްވާފައެވެ. އެގޮތުން ތައްޔާރު ކުރި ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.

ރައީސް ޔާމީންގެ ސަރުކާރުން މިހިނގާ 2017 ވަނަ އަހަރަށް ލަފާކުރި ބަޖެޓަކީ 27 ބިލިއަނެވެ. އެއީ އެމަނިކުފާންގެ ވެރިކަމުގައި ހުށަހެޅުއްވި އެންމެ ބޮޑު ބަޖެޓެވެ.