Last Updated: April 24, 11:29
Wednesday, April 24, 2024
ޚަބަރު

އިހްތިރާމް ލިބިގެންވާ ޝަރުއީ ނިޒާމަކަށް ބަޖެޓަރީ ސަޕޯޓް މުހިއްމު: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ޢަބުދުﷲ ދީދީ - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ ރާއްޖެ އާއި ބައިނަލްއަޤްވާމީ ފަރާތްތަކުގެ ވެސް އިހްތިރާމް ލިބިގެންވާ ނިޒާމަކަށް ހެދުމަށް ބަޖެޓަރީ ސްޕޯޓް މުހިއްމު ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ މާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރުޢީ ދާއިރާއަށް ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، "ބޭރުގެ އެކިއެކި ސްޓޭކް ހޮލްޑަރުންގެ އިތުބާރާއި އިހްތިރާމް ލިބިގެންވާ ނިޒާމަކަށް ރާއްޖޭގެ ޝަރުއީ ނިޒާމް ހެދޭނީ ބަޖެޓަރީ ސަޕޯޓް އަޅުގަނޑުމެންނަށް ފުރިހަމައަށް ލިބިގެން." ކަމަށެވެ.

ޝަރުޢީ ކޯޓުތައް އަވަސް ކުރުމަށް ރޭވިފައިވާ ކަންތަކާއި ބެހޭގޮތުން ވެސް އުއްތަމަ ފަނޑިޔާރު ރޭ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ޝަރީއަތް ކުރުމުގައި ވަކިވަކި ކޯޓުތަކަށް މިނިވަން ދިނުމާއި އަވަހަށް މައްސަލަތައް ނިންމޭނެ ފަދަ ގޮތަކަށް ކޭސް މެނޭޖް ކުރުމުގެ މުހިއްމުކަން ވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ނަމަވެސް އެފަދަ ކަންތައް ހާސިލްކުރެވޭނީ ވެސް މާލީ ގޮތުން ދައުލަތުގެ އެއްބާރުލުން ލިބިގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.