Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އެންޓި ޑިފެކްޝަން ގާނޫނަކީ ސިޔާސީ ބޮޑު ސަކަރާތެއް: ނިޒާރު

އަލީ ނިޒާރު. ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި މަޖިލީހުން ހެދި އެންޓި ޑިފެކްޝަން ގާނޫނަކީ ސިޔާސީ ބޮޑު ސަކަރާތެއްގެ ގޮތުގައި ހިތަދޫ ދެކުުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ސިފަކުރައްވައިފިއެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ފެކްޝަނުގެ މެންބަރުންތަކެއް މަޖިލީހުގައި ތިބެ ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަނީ ރައްޔިތުން އުއްމީދުކުރާ ކަންތަކެއް ހާސިލްކުރެވޭ ގޮތަށް ސިޔާސީ މަސްރަޚު ބައްޓަން ކުރަން ކަމަށެވެ. އެހެންވެ މެންބަރުން އިންތިހާބުކުރާ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވުމަކީ އެ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެސަބަބަށްޓަކައި އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން އޮތުމަކީ މުހިއްމު ކަމެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނަކީ ރައީސް ޔާމީންގެ ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ގާނޫނަކީ ސިޔާސީ ސަކަރާތެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާޜުގެ ފަރާތުން އެންޓި ޑިފެކްޝަން ގާނޫނެއް މަޖިލީހަށް ހުށަހެޅީ އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ގުޅިދާނެތީ އެކަން ހުއްޓުވުމަށް ކަމަށް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެއެވެ.

އަދި އެގާނޫނުގައި ބައެއް ހައްގުތައް ހިފަހައްޓާފައި ހުރިގޮތުން އެއީ ގާނޫނު އަސާސީ އާއި ޚިލާފު ޤާނޫނެއް ކަމަށް ޤާނޫނީ ވަކީލުން ވެސް ދަނީ ފާހަގަކުރަމުންނެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ އާއި ޚިލާފު ޤާނޫނެއް ބާއްވައިގެން އެއަށް އަމަލުކުރަމުން ގެންދިއުމަކީ ތަސައްރަފު ނުފުދުން ކަމަށެވެ.