އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތް ފަޅާއަރުވާލި ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗު މެނޭޖަރ، ގާސިމް އަބްދުލްކަރީމާ ގުޅޭގޮތުން ބޭންކުން މުވައްޒަފުންނަށް ފޮނުވި މެމޯއާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގާސިމް ދިފާޢުކޮށްފިއެވެ.
ކޮރަޕްޝަނާ ޚިޔާނާތާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން މަސައްކަތް ކުރާ އެންމެ ބޮޑު އެއް ޖަމިއްޔާ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ދިވެހި ރާއްޖޭގެ ޗެޕްޓަރ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ގާސިމް ހައްޔަރުކުރުމުން އޭނާގެ ދިފާއުގައި މަސައްކަތް ކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މިފަހްތާ ތެރޭގައި ގާސިމް އަބްދުލްކަރީމްގެ މައްސަލަ ފުލުހަށް ހުށައެޅީ އެކަން އޮންނަ އުސޫލުން ކަމަށާއި އެކަން އެގޮތަށް ބޭންކުން ނުކުރިނަމަ، ބައިނަލްއަގުވާމީ ބޭންކުތަކާއި ކަސްޓަމަރުންގެ މެދުގައި ބޭންކަށް އޮންނަ އިތުބާރު ގެއްލިގެން ދިޔައީސް ކަމަށް ބުނެވިދިޔަ މެމޯގައި ލިޔެފައިވެއެވެ.
މީގެ އިތުރުން ބޭންކުން ވަނީ ގާސިމް ކުރި އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި އެއީ ބޭންކުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، ޚާއްސަކޮށް ބޭންކު މެނޭޖަރެއްގެ ގޮތުގައި ހުރެ ގާސިމް ކޮށްގެންވާނެ އަމަލެއް ނޫން ކަމަށް ބޭންކުން ތަކުރާރުކޮށްފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ފޮނުވި މިމެމޯއާ ގުޅިގެން އިއްޔެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބީއެމްލްގެ މެމޯއިން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ތެދުވާ މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ބަދަލުގައި ކޮރަޕްޝަނާ ދެކޮޅަށް ތެދުވާ މީހެއްގެ މުހިންމު ކަން ކަނޑުވާލާ، ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމުގެ ސަގާފަތެއް ގާއިމުކުރުމަށް ވެސް އެޅިގެންދާނެ ހުރަހެއް ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލްގެ މެމޯގައި ގާސިމްގެ އަމަލަކީ ވިސްލްބްލޯވަރުންގެ އަމަލެއް ކަމުގައި ނުބެލެވޭނެ ކަމަށާއި ސަބަބަކީ ގާސިމް، ބޭންކުގެ ސިއްރު މައުލޫމާތު އާންމުކުރީ ބޭންކަށް އެންގުމާ ނުލާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ޝައްކު ކުރެވޭ ވަރުގެ ބޮޑެތި މުއާމަލާތްތައް އެތައް ދުވަހެއް ވަންދެން ހިނގަމުން ދިޔައިރުވެސް ބޭންކުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކޮރަޕްޝަން ފަޅާއަރުވާލި ގާސިމް ހައްޔަރުކޮށް ޖިނާއީ ދައުވާކޮށް 16 މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރިއެވެ. ގާސިމްގެ އަމަލުތަކުގެ ސަބަބުން އެސްއޯއެފްގެ ނަމުގައި ހަދާފައިވާ ކުންފުނިން ދިވެހި ރައްޔިތުންގެ ފައިސާއިން 1.8 ބިލިއަން ރުފިޔާ ވަގަށް ނެގިކަން އެނގިފައިވާ ކަމަށާއި ގާސިމްގެ އެގޮތަށް އަމަލުނުކުރި ނަމަ ދުވަހަކުވެސް އެކަން ރައްޔިތުންނަށް ނޭނގޭނެ ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި ގާސިމަށް ތައުރީފް ކުރަމުންނެވެ.