Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ވެއްޓުނު ބޯޓުގެ ކަޅު ފޮށި ހޯދައިފި

ހޯމަ ދުވަހު އިންޑޮނޭޝިޔާގެ ޖަކާޓާ އެއާޕޯޓުން ނައްޓާލި "ލަޔަން އެއާ" ޖޭޓީ610 ފްލައިޓުގެ ކަޅު ފޮށި ޑައިވަރުން ހޯދައިފިއެވެ.

ބޯޓު ނައްޓާލިތާ މާގިނައިރުތަކެއް ނުވެ 189 މީހުންނާއެކު ވެއްޓިފައިވަނީ އިންޑޮނޭޝިޔާ ކަނޑަށެވެ. ސަލާމަތްވި އެކަކުވެސް މިހާތަނަށް ފެނިފައިނުވާއިރު ތަހުގީގީ އިދާރާތަކުން އަދި ބޯޓު ވެއްޓެން ދިމާވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ބޯޓު ވެއްޓިފައިވަނީ ނައްޓާލިތާ ކުޑައިރުކޮޅެއްވި ފަހުން، ޕައިލެޓް، އަލުން ރަންވޭގައި ޖައްސަން ހުއްދަ ހޯދާފައިވަނިކޮށެވެ. ނަމަވެސް ކޮންޓްރޯލުން ބުނެފައިވަނީ އެފަހުން ބޯޓާއި އެއްވެސް މުއާމަލާތެއް ނުކުރެވި، ހުރިހާ ސިސްޓަމެއް ވަނީ ކެނޑިފައި ކަމަށެވެ.

ބޯޓުގެ ކަޅުފޮށި ކަނޑުގެ އެންމެ އަޑީގައި ފޮރުވިފައި އޮތްވާ ޑައިވަރަކު ހޯދާފައިވާއިރު ކަޅުފޮށި ލިބުމުން ކަމާ ބެހޭ ފަރާތްތަކަށް ބޯޓު ވެއްޓުމާ ހަމައަށް ހިނގި ކަންތަކާއި ދެކެވުނު ވާހަކަތައް އަޑު އަހައި ވެއްޓެން ދިމާވި ސަބަބު ހޯދޭނެއެވެ.

ވެއްޓުނު ބޯޓަކީ އޯގަސްޓު މަހު ދަތުރުކުރަން ފެށި ބޯޓެކެވެ. އަދި ބޯޓުގެ ކެޕްޓަނާއި ކޯޕައިލެޓުންނަކީ 11،000 ގަޑިއިރު މަތީގައި ހޭދަކޮށްފައިތިބި ތަޖުރިބާހުރި ދެ ޕައިލެޓުންނެވެ.