Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދުވުންތެރިޔާ ސާއިދު ހޮންޑާ މޯލްޑިވްސްގެ އެމްބެސެޑަރަކަށް

ހޮންޑާ މޯލްޑިވްސްގެ އެމްބެސަޑަރަކަށް ސާއިދު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް

ރާއްޖޭގެ އެންމެ މަގްބޫލް ސައިކަލް ބްރޭންޑު ހޮންޑާގެ ރާއްޖޭގެ ބްރޭންޑު އެމްބެސެޑަރަކަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހަމަޖައްސައިފިއެވެ.

ޝީޝާ ޝޯރޫމުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްބެސެޑަރ އެގްރިމެންޓުގައި ވަނީ ސޮއިކޮށްފައެވެ. ޝީޝާގެ ފަރާތުން އެގްރިމެންޓުގައި ސޮއި ކުރީ ޝީޝާގެ އޮޕަރޭޝަންސް އެންޑް މާރކެޓިންގ މެނޭޖަރ ފާތިމަތު ޖުމާންއެވެ.

އެގްރިމެންޓުގައި ސޮއި ކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޝީޝާގެ އޮޕަރޭޝަންސް އެންޑް މާކެޓިންގް މެނޭޖަރ ޖުމާން ވިދާޅުވީ، ކުންފުނީގެ ފުރަތަމަ ބްރޭންޑް އެމްބަސަޑަރަކަށް ސާއިދު ހަމަޖެއްސީ އޭނާ އަކީ ކުޅިވަރުގެ ދައިރާއިން މިވަގުތު ހުރި އެންމެ ޑިސިޕްލިން އެތްލީޓަށް ވުމުން ކަމަށެވެ. އަދި އޭނާ އަކީ ވަރުގަދަ ވަނަތަކެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމަށެވެ.

ޖުމާން ވިދާޅުވީ ކުރިއަށް ހުރި ދުވަސްތަކުގައި ސާއިދަޑް ޝީޝާގެ ފަރާތުން ދެވެން ހުރި ސަޕޯޓެއް ދޭނެކަމަށެވެ.

ބްރޭންޑް އެމްބަސަޑަރަކަށް ސާއިދު ހަމަޖެއްސުމަށް ފަހު ސާއިދު ވަނީ ހޮންޑާގެ ވޭވް 125އައިގެ އާ މޮޑެލް ލޯންޗްކޮށްފައެވެ. އަދި ޝީޝާއިން ވަނީ މި އާ މޮޑެލްގެ ސައިކަލެއް ސާއިދަށް ހަދިޔާކޮށްފައެވެ.

ފިއުލް އިންޖެކްޓަރު އަދި އިންޖީނުވެސް ވަނީ ބަދަލުތަކެއް ގެނެސްފައިވާ ވޭވް 125އައިގެ އާ މޮޑެލްއަކީ މިހާތަނަށް ހޮންޑާއިން ނެރުނު، އެންމެ ރަނގަޅު ޕެޓްރޯލް ހަރަދު ކުޑަ ސައިކަލު ކަމަށް ޝީޝާއިން މައުލޫމަތު ދެއެވެ.

ޝީޝާއިން ބުނީ އަލަށް ތައާރަފު ކުރި ސައިކަލްވެސް އިންސްޓޯލްމެންޓަށް ދޫކުރާނެކަމަށެވެ. އެގޮތުން ޑައުންޕޭމަންޓްގެ ގޮތުގައި ސައިކަލުގެ އަގުގެ މަދުވެގެން ދިހަ ޕަސެންޓު ދައްކައިގެން 36 މަސްދުވަހަށް ބަހާލައިގެން އިންސްޓޯލްމެންޓަށް ނެގޭނެކަމަށެވެ.

ޝީޝާއަކީ ހޮންޑާގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޓިރިބިއުޓަރއެވެ. އަދި އެކުންފުންޏަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.