Last Updated: June 9, 17:01
Tuesday, June 9, 2026
ޚަބަރު

އަޅުގަނޑުގެ ވާޖިބަކީ އިބޫގެ ވެރިކަން ދެމެހެއްޓުން: ރައީސް ނަޝީދު

ރައީސް ނަޝީދު އަނބުރި ވަޑައިގެން ގައުމާ މުޚާތަބު ކުރެއްވުން: ފޮޓޯ - ފައިރޫ ޓުވިޓާ

ދެން އެމަނިކުފާނުގެ ވާޖިބަކަށް ވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދެމެހެއްޓުން ކަމަށް ތިން އަހަރު ދުވަސް ފަހުން ރާއްޖެ ވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެތައް ދުވަހެއް ފަހުން އެނބުރި ގައުމަށް ވަޑައިގަތުމުން އެތައް ހާސް ބަޔަކު މިއަދު ވަނީ މަގުތަކަށް ނިކުމެ ނަޝީދަށް މަރުހަބާ ދަންނަވާފައެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކާގައި ނަޝީދު ވަނީ ރާއްޖެ އަމާން އައްސޭރިއަކަށް ގެނެސްދެއްވީތީ އިބޫއަށް ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. ގުޅިފައިވާ ޕާޓީތަކުގެ އަމާޒަކީ ރައްޔިތުންގެ އުއްމީދު ހަގީގަތަކަށް ހަދައިދިނުން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ އަމާޒަކަށް، އިބޫގެ ވެރިކަން ހިފަހައްޓައި، ދަމަހައްޓާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ހެޔޮ ވެރިކަމެއް ދިވެހި ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވަނީ އަނެއްކާވެސް ވިދާޅުވެފައެވެ.

"ރައީސް އިބްރާހިމް މުހައްމަުދ ސޯލިހްގެ ވެރިކަމުގައި، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ވަރުބަލި ކަމެއް ނެތި ކުރަމުންދާނީ ތިޔަ ބޭފުޅުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައި ދިނުމަށް. އަޅުގަނޑުމެން އެދެނީ ދިވެހި ރާއްޖޭގެ ތަރައްގީ ނާރެސްއަކަށް ހެދުމަށް. އިދިކޮޅު ހުރިހާ ލީޑަރުން ވަނީ ރައްޔިތުންނަށް ދަރާފައި ކޮންމެ ރައްޔިތަކަށް ދަރާފަ، އަޅުގަނޑަކީ ފްލެޓް ދޮންބެ"

ރައީސް ނަޝީދު ވަނީ މިމަސައްކަތުގައި އެމަނިކުފާނާއެކު ވަރުބަލި ކަމެއް ނެތި ސާބިތުކަންމަތީ މަސައްކަތް ކުރެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އެބޭފުޅުން ކުރެއްވި މަސައްކަތް ތާރީޚުގައި ރަން އަކުރުން ލިޔެވިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެން މިރާއްޖެ ޚުދުމުހުތާރު ވެރިކަމަކަށް ޖާގަ ނުދެއްވުމަށް އަޅުގަނޑުމެން އެންމެން ސާބިތުވެ ތިބުމަށް ނަޝީދު ވަނީ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އަދި ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރާ ފަޚުރުވެރި ގައުމަކަށް މިރާއްޖެ ވެފައިވާ ކަމަށާއި ރައީސް މައުމޫނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ޝެއިޚް އިމްރާން، އަދި ވަކިން ޚާއްސަކޮށް ދުވަސްވީ ގާތް އެކުވެރިޔާ، އިބޫ ސޯލިހް ކުރެއްވި މަސައްކަތްޕުޅަކީ ދުވަހަކުވެސް ހަނދާން ނެތޭނެ ކަމެއް ނޫން ކަމަށް ވާހަކަ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ވާހަކަފުޅު ނިންމަވާލެއްވުމުގެ ގޮތުން "ރައީސް އިބޫ" ހަރު އަޑުން ގޮވާފައެވެ. އަދި އެއްވެ ތިބި އެތައް ރައްޔިތުންނެއް ވަނީ ނަޝީދުގެ ފަހަތްޕުޅުން "ރައީސް އިބޫ" ގޮވައި އިންތިޚާބީ ރައީސް އިބޫ ސޯލިހަށް އަނެއްކާވެސް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.