އަޅުގަނޑުމެންގެ ހަތަރު ލީޑަރުން ވަކިން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިވަނީ ދިވެހި ރައްޔިތުންނަށް ދަރާފައިކަމަށާއި އެދަރަނި އަދާކޮށްދެއްވާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތިން އަހަރެއްހާ ދުވަހުގެ މުއްދަތަށް ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވުމަށް ފަހު މިއަދު މާލެ ވަޑައިގެން އެތައް ހާސް ދިވެހި ރައްޔިތުންނާއި މުހާޠަބުކޮށް ރައީސް ނަޝީދު ވިދާޅުވީ ހަތަރު ލީޑަރުންނާއި ވަކިން ހާއްސަކޮށް ރައީސް އިބޫ މިވަނީ ދަރާފައި ކަމަށާއި ކޮންމެ އާާއިލާއަކަށް ފްލެޓަކަށް ދާރާފައިކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ދަރަނީ އަދާކޮށްދޭނެ ކަމަށާއި އެ މަސައްކަތުގައި ދެމި ތިއްބަވާނެކަމަށެވެ.
ނަޝީދު ވިދާޅުވީ 23 ސެޕްޓެމްބަރގެ އިންތިހާބުން ދިވެހިން ހާމަކޮށްދިނީ އެބޭފުޅުންގެ އުއްމީދާއި ތަސައްވުރު ކުރައްސަވާނީ އެބޭފުޅުން އަމިއްލައަށްކަމަށެވެ.
"ވެހިންގެ ނަތީޖާ ހާމަކޮށްދީން ހަގީގަތަކީ ދިވެހިން އެދޭ ރާއްޖޭގެ އުންމީދާއި ތަސާއްވަރު ކުރަހައްސަވާނީ ތިބޭފުޅުންކަން، ހަރު އަޑުން ވިދާޅުވެއްޖެ ވައްކަން ކަމު ނުދާކަން، ވަރަށް ސާފުކޮށް ދިވެހިންނަށާއި ދުނިޔެއަށް ދައްކައިފި ހުދުމުހުތާރުކަމާއި ބާރުވެރިކަމާއި އަނިޔާވެރިކަމަކީ އެދޭ ކަމެއް ނޫން ކަމާއި އެދެނީ އިސްލާމީ އުސޫލުތަކާ އެއްގޮތް ޑިމޮކްރަޓިކް ދިވެހި ރާއްޖެއެއްްކަން، އިރާދަކުރެއްވީއާ އެ އުންމީދު ހަގީގަތަކަށް ހަދާނަން"
ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުޑައިރުއްސުރެ އެކުވެރިޔާ އިބޫގެ ވެރިކަން ދެމެހެެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ގުޅިގެން ކުރައްވާނެކަމަށެވެ.