ފުވައްމުލަކުގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ފުވައްމުލަކު، މާދަޑު އަލްޓްރާ، އިނާން (17އ)ގެ ހަށިގަނޑުގެ 26 ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި، ސިކުޑިއަށް ލޭއެޅި ސީރިއަސް އޮޕަރޭޝަނަކަށް ތައްޔާރުވަނުން އަންނަ ކަމަށް އިނާންގެ އާއިލާއިން ބުނެފިއެވެ.
އިނާންގެ ބޭބެ، އައްފާން މިރޭ "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ އިނާން މާލެ ގެނެސް އައިޖީއެމްއެޗުން ބެއްލެވުމަށްފަހު ބޮލުގެ އޮޕަރޭޝަނެއް ކުރުމަށް އޭޑީކޭއަށް ގެން ގޮސްފައިވާކަމަށެވެ.
އައްފާން ބުނީ އޭނާގެ ކޮއްކޮގެ ބޮލަށް ވަޅި ހެރުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ފެޅި އެތެރެއަށް ލޭ އެޅިފައިވާކަމަށް އިނާން ބެއްލެވި ޑޮކްޓަރުން ބުނެފައިވާކަމަށެވެ. އަދި އަވަހަށް އޮޕަރޭޝަން ކުރަން ބޭނުންކަމަށެވެ. އެހެންވެ އައިޖީއެމްއެޗުގެ އިރުޝާދާއި އެކު އޮޕަރޭޝަން ކުރުމަށް އޭޑީކޭއަށް ގެންދިޔައީ ކަމަށެވެ.
އައްފާން ބުނީ އޭޑީކޭގެ އައިސީޔޫގައި އިނާނުއަށް ފަރުވާދޭން ފަށާފައިވާ އިރު އޮޕަރޭޝަން ކުރާ އިރެއް އަދި ނޭގޭކަމަށެވެ.
އިނާނުއަށް ހަމަލާ ދިނީ ގޭގެ ކޮޓަރި ތެރޭގައި އިތުރު ކުދިން ތަކަކާއި އެކު ލެޕްޓޮޕާއި ކުޅެން ތިއްބާ މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ. މާރާމާރީގައި އިނާނުގެ ބޮލަށާއި، ކަރަށް އަދި ހަށިގަނޑުގެ އެކިތަންތަނަށް ވަނީ ހަމަލާދީފައެވެ.
މި މާރާމާރީ އާއި ގުޅިގެން 15 އަހަރުގެ ކުއްޖަކާއި 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ އިރު ފުލުހުން ދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގައި ތޫނު އެއްޗެހިން ހަމަލާދީ މާރާމާރީ ހިންގުން އިތުރުވެފައިވާ އިރު މިފަދަ ނުރައްކާތެެރި މާރާމާރީގައި ހިމެނޭ ކުޑަކުދިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.