Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

ބޯކޮށްވާރޭ ވެހި އައްޑޫގެ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރަގައި ފެން ބޮޑުވެ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ރޭ އިރާކޮޅުން ފެށިގެން މެދު ނުކެޑި ގިނަ އިރުތަކަށް ވާރޭ ވެހުމުގެ ސަބަބުން ހިތަދޫ އަދި މަރަދޫގެ ބައެއް ގެތަކަށް ފެންވަދެފައިވާ އިރު އެގެތަކަށް އެމްއެންޑީއެފް ފަޔަރ އެންޑު ރެސްކިއުގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރޭގެ ވިއްސާރާގައި ބައެއް ގެތަކަށް ފެންވަނުމުގެ ސަބަބުން އެގެތަކުގެ ހިފައި ގެންގުޅޭ ސާމާންތަކަށް ގެއްލުން ލިބިފައިވާއިރު ބައެއް ގެތަކުގެ ފަރުނީޗަރުތައް ވަނީ ފެންވަދެ ހަލާކުވެފައެވެ.

ހިތަދޫގައި ވާރޭވެހި ފެންބޮޑުވާތީ ބައެއް ސަރަހައްދުގައި މޫދަށް ފެން ބޭރުކުރެވޭ ގޮތަށް ހޮޅި އަޅާފައި ހުރި ނަމަވެސް އެތަންތަން ބަރާބަރަށް ނުބަލަހައްޓާތީ ފެން ބޭރުނުވެއެވެ. އެހެންވެ ވަރަށް އަވަހަށް ހިތަދޫގެ ތިރި ހިސާބުތަކުގެ ގެތަކަށް ފެންވަދެއެވެ. މިކަން ހައްލުކޮށް ދިނުމަށް މި ހިސާބުތަކުގެ ރައްޔިތުން ފާއިތުވި 6 އަހަރު ކަމާއި ބެހޭ ފަރާތްތަކުގައި އާދޭސް ދަންނަވާފައިވެއެވެ.

ވާރޭ ވެހޭ ނަމަ މި ސަރަހައްދުގެ މީހުންތައް ތިބެނީ ތައްޔާރީ ހާލަތުގައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ފެންވަދެ ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ޖެހެއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ މެންދަމު 3:15 އިން ފެށިގެން މިއަދު ހެނދުނު 7:15 އަށް ގއ. އިން ފެށިގެން ދެކުނަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. އަދި ރޭ 11:00 އިން ފެށިގެން ރޭގެ މެންދަމު 3:00 އާއި ހަމަޔަށްވެސް ޔެލޯ އެލަރޓް އޮތީ ނެރެފައެވެ.