Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އައްޑޫ އަށް ކުރަމުންދާ ވިއްސާރަ: ގެއްލުން ލިބުނު ގޭބިސީތަކުގެ އަދަދު 80 އަށް ވުރެ މަތީގައި!

އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރަގައި ފެން ބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ގޭބިސީތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ގެއްލުން ލިބުނު ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އާއްމު ރައްޔިތުންނާއި ފުލުހުން އަދި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެެވެ.

'އައްޑޫލައިވް' އަށް ސިފައިން އަދި ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތު ތަކަށް ބަލާއިރު ގެއްލުން ލިބުނު ގެތަކުގެ އަދަދު އުޅެނީ 80 އަށް ވުރެ މަތީގައެވެ.

"އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ގެއްލުން ލިބުނު ގެތަކުގެ އަދަދު 80 އަށް ވުރެ މަތިވާނެ ކަމަށް ބެލެވޭ." ހިތަދޫގެ އެންޖީއޯ އެއްގައި މަސައްކަތް ކުރާ ބޭފުޅަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުރު ގެތަކުން ދަނީ މިހާރު ވެސް ދަނީ ގެތަކަށް ވަދެފައިވާ ފެންގަނޑު ހިންދުމުގައި އެހީތެރިކަމަށް އެދެމުންނެވެ.

ފެންގަނޑު ވަދެފައިވާ ބައެއް ގެތަކުގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާއިރު އާއްމު ރައްޔިތުން ދަނީ އެމީހުންނަށް ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

އައްޑޫގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ގޭބިސީތަކަށް ގެއްލުން ލިބިފައިވީ ނަމަވެސް އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓުން އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރިވަމުންނެއް ނުދެއެވެ. 23 ސެޕްޓެމްބަރުގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ހިސާބުން އެ ޑިޕާޓްމަންޓުގެ ބައެއް ވެރިން އޮފީހަށް ނުނިކުންނަ ކަމަށް ވެއެވެ.