Last Updated: April 16, 13:42
Tuesday, April 16, 2024
ޚަބަރު

ފެންބޮޑުވެ ހާލުގައި ޖެހުނު ފަރާތްތަކަށް ޔާމީން ސަރުކާރުގެ ހައުސިން ޑިޕާޓްމަންޓުގެ އެހީތެރިކަމެއް ނުލިބޭ!

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ގޭބިސީތަކަށް ގެއްލުން ލިބިފައިވާއިރު ވެސް، އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓުން އެހީތެރިކަން ފޯރުކޮށްދެމުން ނުގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށްފަހު، ކުރިން އައްޑޫ ސިޓީ ކައުންސިލުން ބަލަހައްޓަމުން ދިޔަ އައްޑޫގެ ބިންތަކާއި މަގުތައް އަދި ބަނދަރުތައް ވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބައެއް އާއްމުން ބުނިގޮތުގައި ހައުސިންގެ ވެރިންނަށް ގުޅާފައި އެހީތެރިކަމަށް އެދުުމުން މިއީ ބަންދު ދުވަހެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި "އެމްޑީޕީ" ސަރުކާރުން ތިކަން ބަލާނެ ކަމަށް ބުނި ކަމަށް އައްޑޫލައިވް އާއި ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ.

2015 ވަނަ އަހަރު އައްޑޫއަށް ކުރި ވިއްސާރައިގައި ވެސް ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު ވަގުތު ހައުސިންގެ އައްޑޫ އޮފީހުގެ އެއްވެސް ވެރިޔަކު އައްޑޫގައި ނެތެވެ. އެފަހަރުވެސް ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވީ އާއްމު ރައްޔިތުންނާއި ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިންނެވެ.