Last Updated: June 11, 11:23
Thursday, June 11, 2026
ޚަބަރު

އައްޑޫއަށް އިތުރު 2 ގޮނޑި ލިބުމުގެ ފުރުސަތު ބޮޑުވެއްޖެ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫގެ އިންތިޚާބީ ދާއިރާތަކަށް ބަދަލު ގެނެސް އިތުރު ދެ ގޮނޑި ލިބުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

އައްޑޫއަށް އިތުރު ދެގޮނޑި ލިބުމުގެ ފުރުސަތު ބޮޑުވެފައިވަނީ ކައުންސިލުން އިލެކްޝަން ކަމިޝަނާއި އެކު ބޭއްވި މަޝްވަރާގައި ހުށަހެޅި ހުށަހެޅުމާއި ގުޅިގެންނެވެ.

ކައުންސިލުން ވަނީ އައްޑޫގެ އާބާދީ އިތުރުވަމުންދާ ގޮތާއި، މަޖްލިސް ގޮނޑި މިހާރު ހަމަޖެހޭ އުސޫލަށް ބަލައި މީދޫ އާއި މަރަދޫފޭދޫ އެއްކޮށް އޮތް ދާއިރާ ވަކިކޮށް މީދޫއަށް ވަކި ގޮނޑިއެއް ހަމަޖައްސައި މަރަދޫފޭދޫ އާއި ފޭދޫން ބައެއް ހިމަނައި މަރަދޫފޭދޫ ދާއިރާ ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމަށް މަޝްވަރާ ކޮށްފައެވެ.

ކައުންސިލުން އެގޮތަށް މަޝްވަރާ ދީފައިވަނީ މިހާރު އޮތް އުސޫލުން މަރަދޫފޭދޫގެ ތަމްސީލުވުން ކުޑަވެ އެކަމުގައި އިދާރީ މައްސަލަތަކެއް ހުރުމާއި ގުޅިގެންނެވެ. މި މަޝްވަރާ އާއި ގުޅިގެން އިލެކްޝަންއިން ވަނީ މަރަދޫފޭދޫގެ ރައްޔިތުންނާއި މަޝްވަރާކޮށްފައެވެ.

މީދޫ އާއި މަރަދޫފޭދޫ ވަކި ދެ ދާއިރާ ބެހިދާނެ ގޮތް:

 

މިއަހަރުގެ މޭއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫގެ އާބާދީއަށް ބަލާއިރު މީދޫގެ އާބާދީ އަކީ 2961 މީހުންނެވެ. މަރަދޫފޭދޫގެ އާބާދީއަކީ 1833 މީހުންނެވެ. ހުޅުދޫގެ އާބާދީއަކީ 3720 މީހުންނެވެ. އަދި ފޭދޫގެ އާބާދީއަކީ 5546އެވެ. މަރަދޫގެ އާބާދީގައި 3663 މީހުން ތިބި އިރު ހިތަދޫގެ އާބާދީއަކީ 15971 މީހުންނެވެ.

މިއާބާދީއަށް ބަލައި އިދާރީ ދާއިރާ ކަނޑައަޅާއިރު މަރަދޫ ފޭދޫ ކަނޑު ހުރަސްކޮށް މީދޫ އާއި ގުޅާލުމުގެ ބަދަލުގައި މީދޫގެ މިހާރުގެ އާބާދީއަށް 349 މީހުން ހުޅުދޫން އިތުރުކޮށް 3340 މީހުންނާއި އެކު ދާއިރާ ވަކިކޮށްލެވުމުގެ ފުރުސަތު އެބައޮތެވެ.

މަޖްލިސްގައި މިހާރު އާބާދީއަށް ބަލައި ގޮނޑި ބެހިފައިވާ ގޮތަށް ބަލާއިރު މަޖްލިސްގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ހުންނެވީ 2200 އާއި ގާތް ކުރާ އާބާދީއަކުން ނިކުންނަވައިގެންނެވެ.

މަރަދޫފޭދޫ ދާއިރާ ވަކިން ކަނޑައެޅުމަށް ފޭދޫގެ ބަޔަކާއި ގުޅިދާނެއެވެ. އެގޮތަށް ގުޅުވެން އޮތީ ފޭދޫގެ 5546 މީހުންގެ ތެރެއިން 1856 މީހުންނާއި މަރަދޫފޭދޫގެ 1833 މީހުންގެ އާބާދީ އެއްކޮށް ދާއިރާ ކަނޑައަޅައިގެންނެވެ. އެގޮތަށް ކަނޑައެޅުމުން މަރަދޫ ފޭދޫ ދާއިރާގައި 3689 މީހުން ތިބި އިރު ފޭދޫ ދާއިރާގައިވެސް 3689 މީހުން ހިމެނޭނެއެވެ.

މިގޮތަށް މަރަދޫފޭދޫ ފޭދޫ އާއި ގުޅުވައިގެން ދާއިރާ ކަނޑައެޅިއްޖެނަމަ މުޅި ދާއިރާ ތަމްސީލު ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. އެގޮތަށް ފުރުސަތު ބޮޑުވަނީ ފޭދޫން އެއްކުރެވޭ އާބާދީ އާއި މަރަދޫފޭދޫގެ އާބާދީ ދާދި ހަމަހަމަވުމުންނެވެ. މީގެ ސަބަބުން ދާއިރާއިން ނިކުންނަ ކެންޑިޑޭޓަށް ފުރުސަތު ބޮޑުވެއެވެ.

މަރަދޫފޭދޫގެ މީގެ ކުރީގެ ތަޖުރިބާއަށް ބަލާއިރު މީދޫ އާއި އެއްކޮށްލައި ދާއިރާ ކަނޑައެޅުމުގެ ކުރިން ގުޅުވާލާފައިވަނީ މަރަދޫ އާއިއެެވެ. މަރަދޫގެ އާބާދީ ބޮޑުވުމުގެ ސަބަބުން މަރަދޫފޭދޫން ނިކުންނަ ކެންޑިޑޭޓު ހޮވުމުގެ ފުރުސަތު ހަނިވެއެވެ. އަދި މީދޫ އާއި އެއްކޮލުމުންވެސް މިގޮތަށް ނަތީޖާ ބަދަލުވެއެވެ. އެހެންވެ މަރަދޫފޭދޫގެ އާބާދީ މަދުވުމުގެ އަސަރު އެދާއިރާގެ ރައްޔިތުންނަށް ކުރެއެއެވެ.

މީދޫ އާއި މަރަދޫފޭދޫ ދާއިރާއިރު ވަކި ކުރާއިރު ވަކި ރަށްތަކާއި ނުގުޅުވައި ދާއިރާއަށް ބޭނުންވާ އާބާދީ ހަމަކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. ނަމަވެސް އިންތިހާބީ ގާނޫނުގައިވާ މުއްދަތަށް އެކަން ފުރިހަމަ ކުރެވެން ނެތެވެ. ވަކި އާބާދީ ތަކާއި ނުގުޅުވައި ސީދާ ރަށުގެ އާބާދީން ގޮނޑި ކަށަވަރުވާ އޮތީ މީދޫ އަށް ނިސްބަތްވާ 1600 މީހުން މާލެ ދަފްތަރުގައި އެބައޮތެވެ. އަދި މަރަދޫފޭދޫގެ 1500 އެއްހާ މީހުން އެގޮތަށް ދަފްތަރުގައި ވަނީ ޖައްސާފައެވެ.

ހިތަދޫއަށް އިތުރު ގޮޑިއެއް:

 

ހިތަދޫގެ މިހާރު އާބާދީ އިތުރުވަމުންދާ ގޮތަށް ބަލާއިރު ހިތަދޫއަށް އެއް ގޮނޑި އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިކަމާއި ގުޅިގެން އިލެކްޝަން އިން ރައްޔިތުންނާއި ބައްދަލު ކުރުމުން ހިތަދޫގެ މިހާރުގެ ތިން ދާއިރާއިންވެސް ވަނީ އިތުރު ގޮޑިއެއް ބޭނުންކަމަށް ބުނެފައެވެ.

 

2018 މޭއި 31 ވަނަ ދުވަހާއި ހަމައަށް ހިތަދޫގެ އާބާދީއަކީ 15971 މީހުންނެވެ. އިދާރީ ދާއިރާ ބެހިފައިވާ ގޮތުން މިހާރު އެންމެ ގިނަ މީހުން ތިބީ ހިތަދޫ ދެކުނު ދާއިރާގައެވެ. އާބާދީ އިތުރުވަމުންދާ ގޮތަށް ބަލާއިރު ދެންވެސް މީހުން އިތުރުވަމުންދާނީ ހިތަދޫ ދެކުނު ދާއިރާއަށެވެ. އެހެންވެ އެދާއިރާއިން އިތުރު ގޮޑިއެއް ބޭނުންކަމަށް ރައްޔިތުން ވަނީ ބުނެފައެވެ.

 

އިލެކްޝަންގެ ބަސް

 

ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ގޮތަށް ބަލައި ކޮންމެ ފަސް އަހަރަކުން މަޖްލިސް އަދި ކައުންސިލްތަކަށް ގޮނޑި އިތުރު ކުރުން ހުއްޓާލުމަށް އިލެކްޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އިލެކްޝަން ކަމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި އެކު ކުރެވުނު މަޝްވަރާއަށް ފަހު މާލެ ހުޅުމާލެ ދާއިރާއަށް ދެ ގޮނޑި އިތުރުވިޔަސް ރާއްޖޭގެ އެހެން ދާއިރާތަކަށް ގޮނޑި އިތުރު ކުރުމަށް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ނަމަވެސް އައްޑޫގެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އެކު ކުރެވުނު މަޝްވަރާއަށް ފަހު ގޮނޑީގެ ލިމިޓް ކަނޑައަޅާއިރު އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން އިލެކްޝަނުން ބަލާނެކަމަށެވެ. އަދި ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނު މަޝްވަރާ އެކޮމިޝަންގެ މެމްބަރުންނާއި އެކު ކުރުމަށްފަހު ގޮތެއް ނިންމާނެކަމަށެވެ.

އައއްޑޫގެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭގޮތުން ހުށަހެޅުނު ހުށަހެޅުން ތަކަކީ ވަރަށް މިވަގުތަށްވެސް ވަރަށް މުހިއްމު ހުށަހެޅުންތަކެއް ކަމަށެވެ. އެހެންވެ ދާއިރާތައް އިތުރުކުރުން ހުއްޓާލާއިރު އައްޑޫއަށް ގޮޑިތަކެއް އިތުރުވެގެން ހިނގައިދާނެކަމަށެވެ.